ހުރިހާ ކަމެއްގައި ވެސް އޮތީ ވަކި ކޮޅެއްގައި ޖެހެންދެން މަސައްކަތް ކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މަރުގެ މައްސަލައެއް ނުބެލުމަށް ދަށު ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން ޕީޖީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން، އެ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހުރިހާ ކަމެއްގައިވެސް އޮތް ގޮތަކީ އެ ގޮތް ކަމަށެވެ.

އެ މައްސަލައަކީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހިންގި ގޭންގު މާރާމާރީއެއްގައި، ވ. ކެޔޮދޫ ދޭލިޔާގޭ މޫސާ އަހްމަދު މަރާލި މައްސަލައެވެ.

ސުޕްރީމް ކޯޓުގެ ޙުކުމާ ގުޅިގެން، މިމައްސަލަ އަލުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ. ހުރިހާ ކަމެއްގައިވެސް އޮތީ މިގޮތެވެ. ކޮޅެއްގައި ޖެހެންދެން މަސައްކަތް ކުރުމެވެ. ބައެއް ފަހަރު ކުރިއަށެވެ. އަނެއްބައި ފަހަރު ފަހަތަށް ޖެހިލާފައިވެސް ކުރިއަށެވެ.
ޕީޖީ

އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އިބްރާހިމް ސައްމާހް އަހުމަދު ފަތުހީގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށައެޅި ހުށައެޅުމަކާ ގުޅިގެން އޭރު ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ބަލާނެ ތަނެއް ނެތްކަމަށް ނިންމާފައެވެ. އަދި އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައެވެ.

ޕީޖީ އެފެދައިން ވިދާޅުވެފައި ވާއިރު، ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރަން ޕީޖީން ނިންމުމާ އެކު ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ.

އެގޮތުން އިދިކޮޅުން ވަނީ ރައްޔިތުންނަށް ވެންޓިލޭޓަރުތައް ދައްކަން ޖެހޭ ކަމަށާއި އަދި ކުރީގެ ހެލްތް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވި އަބްދުﷲ އަމީން އަށް ވަޒީރުކަން އަލުން ދޭން ޖެހޭ ކަމަށް ބުނެފައެވެ. މީގެ އިތުރުށް މި މައްސަލައިގައި ދައުލަަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޖެހޭ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

އެ މައްސަލައިގައި ހެކި ނެތް ކަމަށް ބުނެ އެއްވެސް ބަޔަކަށް ދައުވާ ނުކުރަން ޕީޖީ ނިންމި ނަމަވެސް ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ އަލުން މުރާޖައާ ކުރުމަށް ޕީޖީ އޮފީހުން އިއްޔެ ވަނީ ނިންމާފައެވެ.