މާލެ ސިޓީ ވެސްޓު ޕާކު ހިމެނޭ ސަރަހައްދުގައި ގާއިމު ކޮށްފައިވާ މާފަންނު ޕޮލިސް ސްޓޭޝަންގެ އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

ފުލުހުން ބުނީ މާފަންނު ޕޮލިސް ސްޓޭޝަންގެ އަާ އިމާރާތް ހުޅުއްވައިދެއްވީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ކޮމިޝަންޑް ބައެއް އޮފިސަރުންނާއި މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ފުލުހުން ބުނެއެވެ.

އެ ރަސްމިއްޔާތުގައި އިމްރާން ދެއްކެވި ވާހަކަގައި، އިންސާނީ މުޖުތަމައުއެއްގެ ތެރޭގައި ހަމަޖެހުމާއި މަސްލަހަތު ގާއިމްކޮށް، ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެބައެއްގެ މެދުގައި އުފެދިފާ އޮންނަ މުއައްސަސާއަކީ އަބަދު ވެސް އެންމެ ލޮބުވެތި އެންމެ ޝަރަފްވެރި، ގަދަރާއި އިހުތިރާމް ލިބިގެންވާ މުއައްސަސާއެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި އެޒިންމާ ފުލުހުން އަދާކުރަމުންދާތާ 88 އަހަރު ވެގެންދާއިރު، އެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކޮށް ހަރުދަނާކުރުމަށް ދުވަހުން މަސައްކަތްކުރަމުން އައިސް، މިއަހަރު ބައްދަލުކުރީ އުފާވެރި މުނާސަބަތުތަކާއެކު ކަމަށް ވިދާޅުވިއެވެ.

އެގޮތުން ފުލުހުންގެ ހިދުމަތުގެ ގާނޫނު އަލަށް ވުޖޫދުކުރެވި އަމަލުކުރަން ފެށުމަކީ ފުލުހުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްހަމަޖެހުމެއް ކަމަށާއި ފުލުހުންގެ މަސައްކަތަށް މަގުދައްކައިދޭ ފުލުހުންގެ ދުރު، ދިގު ރާސްތާއަށް އަލިކޮށްދޭ ބައްތިއެއް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ހުރިހާ ފުލުހުންނަކީ ފުލުހުންގެ އާ ގާނޫނަށް އަހުލުވެރި، ގާނޫނުގައި ބުނާ ކަންކަމަށް ރަނގަޅަށް ފުރިހަމައަށް އެނގޭ ބަޔަކަށް ވުމަށް އިލްތިމާސް ކުރައްވާ، އާ ގާނޫނުގެ ދަށުން ގިނަ ގަވާއިދުތަކެއް ހެދިގެންދާނެ ކަމަށާއި އެއީ ފުލުހުންގެ ހިދުމަތް ފުރިހަމައަށް ބައްޓަންކޮށްދީ ސަފުތައް ތަރުތީބުކޮށްދީ މަސައްކަތުގެ ރާސްތާ ކަނޑައަޅާދޭނެ މަސައްކަތަކަށް ވެގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް ބިނާކޮށް ދެވޭ ހިދުމަތް ވެގެންދާނީ ދިވެހިން އުންމީދުކުރާ، ދިވެހިން ބޭނުންވާ، ދިވެހިން އެބަޔަކަށްޓަކައި ފަހުރުވެރިވާ ފުލުހުންގެ މުއައްސަސާއެއް ގާއިމްކުރުމުގެ މަސައްކަތަކަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

ހަމައެއާއެކު ހިދުމަތެއް ދިނުމަށްޓަކައި ނުވަތަ ޒިންމާއެއް އަދާކުރުމަށްޓަކައި އެންމެވެސް ދެ ސިފައެއް ލިބިގަންނަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށާއި އެއީ އެމަސައްކަތެއް ކުރުމަށްޓަކައި ކޮންމެހެން ލިބިގަންނަންޖެހޭ ގާބިލްކަމާއި ހުނަރު ލިބިގަތުމާއެކު އެމަސައްކަތުގައި އިހުލާސްތެރިކަމުގެ ސިފަ ވަރަށް ފުރިހަމަގޮތުގައި އެމީހެއްގެ ކިނބައިގައި އަށަގަންނަވަން ޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ގާބިލްކަމާއި އިހުލާސްތެރިކަން އެމީހެއްގެ ގައިގާ އަށަގެންނެވިއްޖެނަމަ އެމީހަކު ވެގެންދާނީ މަސައްކަތުގައި ނަމޫނާ އަކަށްކަން ފާހަގަކުރައްވާ، ކޮންމެ ފުލުހަކީ އެގާނޫނާއި ގާނޫނުގެ ދަށުގެން ހެދޭ ގަވާއިދުތަކާއެކުގައި ނަމޫނާއަކަށް ވެއްޖެނަމަ، މުއައްސަސާއަށްޓަކައި އެންމެވެސް ފަހުރުވެރިވެ އުފާކުރާނެ ކަމެއް ކަމަށެވެ.

މާފަންނު ޕޮލިސް ސްޓޭޝަން ކުރިން ހިންގަމުންއައީ ފަންހިޔާ ބިލްޑިން ގައެވެ. ފުލުހުން ބުނީ މާފަންނު ޕޮލިސް އާ އިމާރާތަކަށް ބަދަލު ވެގެން ދިއުމާއެކު އެސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި މެރިން އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.