ރެވެނިއު ސްޓޭމް ޖެހުމަށް ހާއްސަކޮށްފައިވާ ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމެވެ. މި ބިލް އާޒިމް ހުށަހަޅުއްވާފައި ވަނީ މިމަހު 24 ވަނަ ދުވަހު އަދި މި ބިލުގެ ފުރަތަމަ ކިޔުން އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ.

ބިލު ހުށަހެޅި ސަބަބު ހާމަކުރައްވަމުން އާޒިމް ވިދާޅުވީ، އެ ގާނޫނަކީ ވަރަށް ދުވަސްވެފައިވާ ގާނޫނެއް ކަމަށާއި އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ހަރަދާ އަޅާ ބަލާއިރު ލިބޭ އާމްދަނީ އަކީ އެކަށީގެންވާ އާމްދަނީއެއް ނޫން ކަމަށެވެ. އަދި އެއީ އާންމު ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިލާން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުސަތުތައް ލުއި ފަސޭހަކޮށް ދިނުމަށްޓަކައި، ރެވެނި ސްޓޭމް ޖެހުމުގެ ނިޒާމް އުވާލުމުގެ މަގްސަދުގައި ބިލު ހުށަހެޅި ކަމަށް އާޒިމް ހުށަހެޅުއްވި ބިލުގައި ވެއެވެ.

މި ގާނޫނަކީ 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި، "އެކި އެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު" އެވެ. މި ގާނޫނު އުވާލުމަށް ހުށަހެޅި ބިލަށް އަމަލު ކުރަނީ، އެ ބިލު މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.