މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަސްލު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހިންގި ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް، ތައްޔާރު ކޮށްފައިވާ ރިޕޯޓް، މިއަދުގެ ވަގުތެއްގައި އާންމު ކުރައްވާނެ ކަމަށް، އެ އިދާރާގެ ޑައިރެކްޓާ ޖެނެރަލް، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

އިންސާނުންގެ ހަށިގަނޑަށް ކޮވިޑް-19 ފެތުރުނީ ވާލުގެ ޒަރިއްޔާއިން އެހެން ޖަނަވާރެއް ކަމަށް އިންތިހާއަށް ބާރުދޭ ރިޕޯޓެއްގެ ޑްރާފްޓް އާންމު ވެފައި ވާ ކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަޑު ފެތުރެމުންދާ މި ދަނޑިވަޅުގައި، ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ ޓެޑްރޯޒް ވިދާޅުވީ، ބަލީގެ އަސްލާ ބެހޭ ގޮތުން ވަކާލަތު ކުރެވުނު ހުރިހާ ބުނުމެއްވެސް އެގޮތުގައި އެބަ އޮތް ކަމަށެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ، ޗައިނާގެ ވޫހާންގައި ތަހުގީގު ހިންގި ޓީމުން ތައްޔާރު ކުރި ފުރިހަމަ ރިޕޯޓް، ޑަބްލިއުއެޗްއޯއަށް ލިބުނީ ހަފުތާ ބަންދުގެ ތެރޭގައި ކަމަށާ، އެމްބާގޯ އުސޫލުން، ޑަބްލިއުއެޗްއޯގެ މެންބަރު ގައުމުތަކާ އެ ރިޕޯޓް ހިއްސާ ކޮށްފައި ވާނެ ކަމަށެވެ. އެމްބާގޯ އުސޫލަކީ ވަކި ވަގުތެއް ޖެހެންދެން ލިޔުމެއް ނުވަތަ އޭގައިވާ މައުލޫމާތު އާންމު ނުކުރުމަށް ޝަރުތުކޮށް، ކަމާ ބެހޭ އެހެން ހިއްސާދާރުންނަށް މައުލޫމާތު ފޯރުކޮށްދޭ އުސޫލެކެވެ.

ބައިނަލްއަގުވާމީ މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް ރިއާޔަތް ކުރައްވަމުން ޑރ ޓެޑްރޯޒް ވަނީ، އެއީ ޑްރާފްޓެއް ކަމަށާ އަދި އެންމެ ފަހުގެ ބަސް ނޫން ކަމަށް އިޝާރާތް ކުރައްވާފައެވެ. ރިޕޯޓް އާންމު ނުކުރާ ކަމަށާ، މިއަދުގެ ވަގުތެއްގައި، މެންބަރު ގައުމުތަކާއެކު ބްރީފިންގްއެއް ކުރިއަށް ދާނެ ކަމަށްވެސް ޑރ ޓެޑްރޯޒް ވިދާޅިވިއެވެ. މި ބްރީފިންގްއަށް ފަހު ރިޕޯޓް އާންމު ވާނެ ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.