ފިނޮޅެއްގައި ހާލުގައި ޖެހިފައި ތިބި މީހުން ތަކަކަށް ސިފައިން އެހީވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ޅ. އަތޮޅު ހުރަވަޅި ކައިރި ފިނޮޅަކަށް ވެލި ނަގަން ގޮސް ތިބި ތިން ބިދޭސީން ކަމަށެވެ. އެމީހުން ހާލުގައި ޖެހުނީ މޫސުން ގޯސްވެ ކަނޑު ގަދަވެ ފިނޮޅުން ފޭބޭނެ ގޮތެއް ނެތިގެން ކަމަށް އެމްއެންޑިީއެފުން ބުނެއެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އެ މީހުން ފެނިފައި ވަނީ މިއަދު މެންދުރު 2:20 ހާއިރު އެ އަތޮޅު ހިންނަވަރަށް ދަތުރުކުރަމުން ދަނިކޮށް ކަމަށާއި މިހާރު އެ މީހުން ސަލާމަތް ކޮށްފައި ވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ރާއްޖެއަށް ކުރަމުން ދާ ވިއްސާރައާއެކު ކަނޑުމަތީގެ ތަފާތު ހާދިސާތައް ރެއާއި މިއަދު ހިނގާފައި ވެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން މުސުމަށް ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އަދި އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.
އެމްއެންޑީއެފުން ވަނީ ކަނޑުމަތީގެ ހާދިސާތައް ހިނގާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ