އަޅާފައި އޮތް ބާޖެއް، ނަގިލި ކަނޑައިގެން ގޮސް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވެ، ވައި ބާރުވެ، ކަނޑު ގަދަވުމުގެ ސަބަބުން، މާލޭ ކައިރީގައި އަޅާފައި އޮތް ތެޔޮ ބާޖެއްގެ ނަގިލި ކަނޑައިގެން ގޮސް، ކ، ފޭދޫ ފިނޮޅުގެ ދެކުނުން އޮންނަ ފަރަކަށް ލައްގައިފައިވާ ކަމަށެވެ.

އެ ބާޖަކީ 68 ފޫޓުގެ ޓްރާންސް ފިއުލް-9 ނަމަކަށް ކިޔާ ބާޖެއް ކަމަށާއި އެކަމުގެ ރިޕޯޓް ލިބިފައި ވަނީ މެންދުރު 12:48 ގައި ކަމަށެވެ. އަދި ހާދިސާ ހިނގިއިރު އޭގައި ދިވެއްސަކާއި ދެ ބިދޭސީން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އަދި އެ ބާޖު ލައްގާފައި ވަނީ ފޭދޫ ފިނޮޅުގެ ދެކުނު ފަރާތު ފަރުމައްޗަށް ކަމަށާއި މިހާރު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މޫސުން ގޯސްވުމާ ގުޅިގެން މުސުމަށް ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އަދި އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.

އެމްއެންޑީއެފުން ވަނީ ކަނޑުމަތީގެ ހާދިސާތައް ހިނގާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.