ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ އެންމެ މުހިންމު އެއް ރާސްތާ ކަމަށްވާ ސުއެޒް ކެނަލްގައި މިދިޔަ އަންގާރަ ދުވަހު ތާށިވި މުދާ އުފުލާ ބޯޓު ފުންކޮށް، އެ ކަނޑުއޮޅި ހުޅުވޭ ގޮތްވެއްޖެއެވެ.

ތާށިވި ބޯޓު ފުން ކުރެވުނީ މިސްރު ގަޑިން ފަތިހު 04:30 ހާއިރު ކަމަށް ހަބަރު ލިބެއެވެ. 10 ޓަގުބޯޓަކުން 4 ކޮޅަށް ދަމައިގެން ބޮޑު ދިޔާގައި ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ސުއެޒް ޕޯޓް އޮތޯރިޓީއިން މީގެ ކުރިން ވަނީ އިއުލާން ކޮށްފައެވެ.

ފަޅު ފުންކުރާ މެޝިނަރީގެ އިތުރުން ޓަގު ބޯޓުފަހަރު ބޭނުން ކޮށްގެން ހަފުތާއެއްހާ ދުވަހު ކުރި މަސައްކަތުން، "އެވާގްރީން" ފްލީޓްގެ "އެވާގިވަން" ކާގޯ ބޯޓު އޮތް މިސްރާބު ބަދަލުކޮށް، ކެނަލް ހުޅުވޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ވަނީ ދޫކޮށްލާފައެވެ.

ކެނަލް ބަންދުވެފައި އޮތުމުގެ ސަބަބުން އެސަރަހައްދުގައި 300 އެއްހާ ކަނޑުބޯޓު ތާށިވެފައި ވާއިރު، ކެނަލް ހުޅުވޭ ގޮތް ވުމުން، އެ ބޯޓުތަކުން ވަނީ ބަރުގަނޑު އަޅާ، އުފާފާޅުކޮށްފައެވެ.

400 މީޓަރު ދިގު، 200000 ޓަނުގެ މި ބޯޓު، ސުއެޒް ކެނަލްގައި ތާށިވީ، ގަދަވާ ވެލީގެ ތޫފާނެއްގެ ތެރެއިން، ބޯޓުގެ ހުންގާނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ހަބަރު ލިބެއެވެ.