ވައްކަން ކުރާ ސަރުކާރެއް ތަމްސީލުކުރަން ވޯޓު ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ރައްދު ދެއްވައިފިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއީ ވައްކަން ކުރާ ސަރުކާރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ އިދިކޮޅުން ދައްކަމުންދާ ވާހަކަތަކުގެ ހަގީގަތް ގަބޫލު ކުރައްވާކަން ހާމަވާ ކަމެއް ކަމަށެވެ.

އަދި ރައީސް ނަޝީދުގެ އެ ވާހަކަތަކުން ވޯޓު އިތުރު ނުވާނެ ކަމަށާއި "ވަގު" ސަރުކާރެއް ތަމްސީލުކުރަން ވޯޓު ދޭން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް އެފެދައިން ވިދާޅުވެފައި ވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެ ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އެއް ނޯންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި މަތި ޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުން އިތުރަށް ލިބިގެންދާ ގެއްލުން ބޮޑުވާނެ ކަމަށާއި އެކަމުން ފެންނާނީ ސަރުކާރުވެސް އެ ކޮރަޕްޝަންގެ މައްސަލާގައި ބައިވެރިވެފައިވާތަން ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ގެނައުމަށް ނިންމި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީީސީ)އިން ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ވަނީ ނިންމާފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.