މި އަހަރުގެ ފެބުރުއަރީ މަހު މިޔަންމާގައި ކުރި އަސްކަރީ ބަޣަވާތް ބަލައިނުގަންނާނެ ކަމަށް ބުނެ އެ ގައުމުގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ސަލާމަތީ ބާރުތާކުން، ބާރުގެ ބޭނުންކޮށްގެ ރެކޯޑް އަދަދެއްގެ ބަޔަކު އިއްޔެ މަރާލުމާއެކު، އެމެރިކާއިން އެކަން ކުށްވެރިކޮށްފިއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކަން ވިދާޅުވީ، ހޮނިހިރު ދުވަހުގެ ކުރިމަތިލުންތަކުގައި 100 އަށްވުރެ ގިނަ މީހުން މަރާލާފައި ވާއިރު، މިކަމުންވެސް އަންގައިދެނީ، މަދު ބައެއްގެ ހައްގަށްޓަކައި، މިޔަންމާގެ އަސްކަރީ ލީޑާޝިޕުން އާންމު ރައްޔިތުން ގުރުބާން ކުރަމުން ދާނެ ކަން ކަމަށެވެ.

އެމެރިކާގެ އިތުރުން ބައިނަލްއަގުވާމީ އެކިއެކި ލީޑަރުންވެސް ގެންދަވަނީ މި ފަހުގެ ތާރީހުގައި މިޔަންމާ ދުށް އެންމެ ނާމާން ދުވަހާ ގުޅުވައިގެން، މިޔަންމާގެ އަސްކަރީ ސަރުކާރު ކުށްވެރި ކުރައްވަމުންނެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ، އިންތިހާއަށް ސިހުން ގެނުވި ކަމަށެވެ. އިނގިރޭސި ފޮރިން ސެކްރެޓަރީ ޑިމިނީކް ރާބް ވިދާޅުވީ، މިއީ މިޔަންމާއަށްވެސް އިންތިހާ ދަށު ދަރަޖައެއް ކަމަށެވެ.

މުޒާހަރާގެ ބައިވެރިންނާ ސަލާމަތީ ބާރުތަކުން ކުރިމަތިލަމުން ދިޔައީ ކުޑަ ކުއްޖަކަށްވެސް ބެލުމެއް ނެތި ކަމަށް ހަބަރު ލިބެއެވެ. ހޮނިހިރު ދުވަހު މަރާލި މީހުންނާއެކު ފެބުރުއަރީ 1 ވަނަ ދުވަހުގެ ބަޣާވާތަށް ފަހު މިޔަންމާއިން މަރާޅި މީހުންގެ އަދަދު މިވަނީ 400 އަށް ވުރެ މައްޗަށް އަރާފައެވެ.