އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ބަންގްލަދޭޝްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް، މޯދީ އާ ދެކޮޅަށް އެ ގައުމުގެ އިރުމަތީ ސަރަހައްދުތަކުގައި ކުރިއަށް ގެންދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 5 މީހުން މަރުވެ، އިތުރު ބަޔަކު ޒަހަމްވެފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.
ބްރަމަންބާރިއާ ޑިސްޓްރިކްޓްގައި، އެތައް ސަތޭކަ ސްކޫލް ކުދިންނަކާ ފުލުހުން ކުރިމަތިލާފައި ވާއިރު، ފުލުހުން ބުނީ، ބާރުގެ ބޭނުން ކޮށް، ބަޑި ޖަހާފައި ވާނީ، ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި ކަމަށެވެ.
އެ ސަރަހައްދުގައި ބަންގްލަދޭޝްގެ ސަރުކާރުން ހިންގާ ހޮސްޕިޓަލުގެ ޑޮކްޓަރަކު ވިދާޅުވީ، ސީދާ ވަޒަން އަރައިގެން މަރުވެފައިވާ 3 މީހެއްގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެނައި ކަމަށާ، އަނެއް 2 މީހުން މަރުވީ، ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
މި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު، ބަންގްލަދޭޝްގެ ފުލުހުން ރަސްމީ ސިފައެއްގައި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
މުސްލިމުންގެ މެޖޯރިޓީ އޮންނަ ބަންގްލަދޭޝްއަށް މޯދީ ކުރައްވާ ދަތުރުފުޅާ ދިމާކޮށް، މޯދީއާ ދެކޮޅަށް ބަންގްލަދޭޝްގައި މުޒާހަރާތައް ފެށީ މިދިޔަ ހުކުރު ދުވަހުއެވެ. މުޒާހަރާ ކުރަން ފެށީ، މުސްލިމުންނާ ދެކޮޅަށް، ހިންދޫންގެ އަގުލަބިއްޔަތު އޮންނަ އިންޑިއާގައި މޯދީގެ ސަރުކާރުން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ކަމަށް ހަބަރު ލިބެއެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ހުއްޓުމަކަށް އައި ފަހުން، ބައިނަލްއަގުވާމީ ދަތުރުފުޅެއްގައި މޯދީ އެންމެ ފުރަތަމަ ވަޑައިގެންފައި މިވަނީ ބަންގްލަދޭޝްއަށެވެ. މޯދީ ބަންގްލަދޭޝްއަށް ވަޑައިގެންފައި މިވަނީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ރަން ޔޫބީލްއާ ގުޅުވައިގެންނެވެ.