މިއަދު އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު މުއުތަސިމު އަދުނާންއެވެ.
އެ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު މުއުތަސިމު އަދުނާންއެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި اللهُ ގަންދީ ކުރެވޭ ހުވަޔަކީ އާދައިގެ ކަމެއް ނޫންކަމަށާއި ތިމާގެ ވާޖިބު އަދާކުރާ، ތިމާގެ ޒިންމާ އަދާކުރާ ކޮންމެ ވަގުތަކުމެ، އެ ހުވާގެ މަތީގައި ދެމިހުރުން ލާޒިމުވާކަމަށް ވިދާޅުވިއެވެ.
އަދި ގާނޫނީ ޒިންމާ އަދާކުރުމުގައި ގާނޫނުން މަތިކޮށްފައިވާ ހުރިހާ ގޮތަކަށް ތިމާގެ އަމަލު ބެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި ހުވައެއް ކުރުމަކީ އެ ހުވާ ކުރުމުން އެމީހާގެ މައްޗަށް އެހެން މީހުންގެ އިތުބާރު ބޮޑުވެގެންދާ ކަމެއްކަން ފާހަގަކުރައްވައި، ހުވަޔާ ހިލާފުވުމަކީ އޭގެ ސަބަބުން ބޮޑެތި އުގޫބާތްތައް އެމީހަކަށް ލިބިގެންދާނެ ކަމެއްކަމަށް ވިދާޅުވިއެވެ.
ފުލުހުންނަށް ހުވައި ލައިދެއްވުމަށްފަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާން ދެއްކެވި ވާހަކަފުޅުގައި ފުލުހުންނަށް މަރުހަބާ ވިދާޅުވެ، ކޮންމެ ފުލުހަކީވެސް ޒިންމާދާރު އަދުލުވެރި އަދި މަސައްކަތުގެ މަސްއޫލިއްޔާތު އުުފުލާ މީހެއްކަމުގައި ވުމަށް އެދިލެއްވިއެވެ. އަދި ހިދުމަތް ދިނުމުގައި އިހުލާސްތެރިކަމާއި ނަޒާހަތްތެރިކަން އިސްކުރާ މީހަކަށްވުމަށާއި އެކުގައި މަސައްކަތްކުރާ މީހުންނަށާއި މަސައްކަތުގައި މުއާމަލާތްކުރާ މީހުންނަށް އިހުތިރާމްކުރުމާއެކު ހެޔޮކޮށްހިތައި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތް ކުރަންވާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވީ މިއަދަކީ ފުލުހުންގެ ތާރީހުގައި އައު ސަފުހާއެއް ފެށިގެންދާ ދުވަހެއް ކަމަށާއި އާ ފަލްސަފާއަކަށް ހިދުމަތް ދެވެން ފެށި ފުލުހުންގެ ފަރާތުން ދިވެހިރައްޔިތުން އުއްމީދުކުރާ ހިދުމަތާ ދިމާއަށް ދިއުމަށްޓަކައި އަވަށްޓެރި ފުލުހުންގެ ގޮތުގައި ހިދުމަތް ތަރުތީބު ކުރެވިގެންދާ ދުވަސްކަމުގައި ވިދާޅުވިއެވެ. އަދި އެ މަސައްކަތް މިހާހިސާބަށް ގެނެސްދެއްވުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ފަރާތްތަކަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.
ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޒީރު އާއި ފުލުހުން ބައިވެރިވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ހުވާކުރެއްވުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ވަނީ ހުވާގެ ލިޔުމުގައި ސޮއިކުރައްވާފައެވެ. މީގެއިތުރުން ހުވާކުރުމަށްފަހު ކޮމިޝަންޑް އޮފިސަރުންނާއި ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.
ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު މާލޭގެ އިތުރުން ފުލުހުންގެ ހިދުމަތް ގާއިމްކޮށްފައިވާ ހުރިހާ ރަށެއްގައި ވަނީ ބާއްވާފައެވެ.