ރައްޔިތުންގެ ހިދުމަތުގައި ތިބި އެންމެހާ ފަރާތްތަކުން، ކުރާ ކޮންމެ ކަމެއްގައި އިންސާފުވެރިވުމަށް ރައީސްގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުން ހުވާ ކުރުމަށް މިއަދު އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ފުލުހުންގެ އެންމެ އިސް ވާޖިބަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތައް ނަގަހައްޓާ، ދިވެހިރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށް، އިންސާނީ ހައްގުތައް ހިމާޔަތްކޮށް، އަމާންވެށްޓެއް އެންމެހާ ރައްޔިތުންނަށް ގާއިމްކޮށްދިނުން ކަމަށެވެ.

އަދި ފުލުހުންގެ ހިދުމަތުގެ ގާނޫނެއް ވުޖޫދުވެގެން އަންނައިރު، އެއީ އާ ފެށުމެއް ކަމަށާއި އެކަމަކީ އެންމެހާ ދިވެހި ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ނައިބް ރައިސް ސިފަކުރެއްވިއެވެ.

ހަމައެކަނި ފުރިހަމަ ގާނޫނެއް އޮތުމުން އެ ބޭނުންވާ މަގްސަދު ހާސިލެއް ނުކުރެވޭ ކަމަށާއި ގާނޫނުގައި ބުނާގޮތަށް، ގާނޫނުން އަންގާ ގޮތަށް ކަންތައްތައްކޮށް އަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ނައިބް ރައިސް ވިދާޅުވިއެވެ.

އަދި ފުލުހުންގެ ހިދުމަތް ލާމަރުކަޒުކޮށް، އެ މަސައްކަތް ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާއި އަދި ރައްޔިތުންނާއި ގުޅިގެން ކުރިޔަށްދާއިރު، ކުށް ކުރުން ހުއްޓުވާ، ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުންނަށް އެހީތެރިކަމާއި، އެއްބާރުލުން ފޯރުކޮށްދީ، އަމާން ވެށްޓެއް ގާއިމުކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން ދަނެގެން އެ އަމާޒަށް ވާސިލްވުމަށްޓަކައި ދިވެހި އެންމެހާ ރައްޔިތުން މަސައްކަތްކުރުމަށް ނައިބް ރައީސް އެދިވަޑަގެންނެވިއެވެ.

ފުލުހުންގެ އާޤާނޫނުގެ ދަށުން ފުލުސް އޮފިސަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ފުލުހުން

މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާން، މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲއާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނަޒީރު، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ފުލުހުންގެ ހިދުމަަތުގެ ބިލް ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ. އެ ބިލް ރައީސް އިބްރާހިމް މިހައްދަު ސޯލިހް ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު 27 ގައެވެ.