ބަޔަކު މީހުން ވެގެން، ރ. މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނެ އާއިލާއިން ތުހުމަތު ކުރާ މައްސަލައިގައި އެ ކުއްޖާ މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅުމާއެކު ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ކުއްޖާ އެރަށުގެ ސިއްހީ މަރުކަޒަށް ދައްކާފައިވާ ކަމަށެވެ. އަދި ކުއްޖާ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަކީ މުހިންމުކަމެއްގެ ގޮތުގައި ބެލެވި، އެރަށް ހިމެނޭ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނަށްވެސް ދައްކާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ،
އަދި އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު އެސަސްމަންޓް ހެދުމަށްޓަކައި ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ސައިކަޔަޓްރިސްޓަކަށް ދައްކައި ސައިކިއާޓްރިކް އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ މައްސަލައާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ޕޮލިހަށް ހިއްސާކުރަމުންދާ މައުލޫމާތުތަކާއި ސޯޝަލްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި މައްސަލައާ ގުޅިގެން ހޯދަން ޖެހޭ ހެއްކާއި ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާ ކަމަށެވެ.
ހަމައެއާއެކު، ދައުލަތުގެފަރާތުން ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސާވިސަސް އާއި ފުލުހުންނާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކުއްޖާގެ އާއިލާއަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތައް ދުވަހުން ދުވަހަށް ހިއްސާކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިމަހު މަހުގެ ފުރަތަމަ ހަފްތާގައި ހިންގި އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިމަހު 11 ވަނަ ދުވަހެވެ.
މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ބަޔާނުގައި ހާމަ އެއް ނުކުރެއެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާތީވެ، އެކަމާ ގުޅިގެން އެރަށުގައި ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ. އެ މުޒާހަރާތަކުގެ ތެރެއިން އެރަށު ފުލުހުންގެ މަރުކަޒަށް ވެސް ވަނީ ގެއްލުން ދީފައެވެ. ގެއްލުން ދިން މައްސަލާގައި 10 މީހަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.
އެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ އެރަަށު ސްކޫލްގެ ޓީޗަރަކާއި ފުލުހެއްގެ އިތުރުން އިތުރު މީހަކަށެވެ.