ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި އެއް ލައްކަ ސިނޯފާމް ވެކްސިން ޑޯޒް ރާއްޖެ ގެނެސްފިއެވެ.

އެ ވެކްސިން ރާއްޖެ ގެނެސްފައިވާ ކަން އިއުލާން ކޮށްފައި ވަނީ މިކަމަށްޓަކައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންގެ ތެރެއިން ފުރަތަމަ އެއްލައްކަ ޑޯޒްގެ އެއް ބެޗު ރާއްޖެ ގެނެސްފައިވަނީ ރޭ މޯލްޑިވިއަންގެ ފްލައިޓެއްގަައި ކަމަށެވެ.

ޗައިނާއިން ހަދިޔާކުރި ސިނޯފާމް ވެކްސިންގެ ފުރަތަމަ ބެޗް ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ މި ހާލަތުގައި ވެސް ޗައިނާ އިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އަށް ޝުކުރު އަދާކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ ވެރިރަށް ބެއިޖިންގ އިން މާލެ އަށް މި ވެކްސިން ގެނައުމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ 2 ފްލައިޓް ޗާޓަރުކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށާ މިގޮތަށް ނިންމާފައިވަނީ ވެކްސިން ވީ އެންމެ އަވަހަށް ރާއްޖެއަށް ގެނައުމުގެ ބޭނުމުގައި ކަމަށެވެ. އަދި ޗައިނާއިން ހަދިޔާކުރި 2 ލައްކަ ޑޯޒްގެ ދެވަނަ ބެޗް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މާޗް 30 ވަނަ ދުވަހު ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިނަށް ހުއްދަ ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހެވެ. އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހެވެ.

ޗައިނާ އިން ވެސް ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ވަނީ ނިންމައިފައެވެ. މީގެ ކުރިންވެސް، ހެޔޮ އެދޭ ފަރާތަކުން ވަނީ ރާއްޖެއަށް 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ހަދިޔާ ކޮށްފައެވެ.

އިއްޔެގެ ނިޔަލަށް 224،979 މީހުން ރާއްޖޭގައި ވަނީ ވެކްސިން ޖަހައިފައެވެ.