ފެބުރުއަރީ މަހު މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތާ ދެކޮޅަށް އެ ގައުމުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 600 އަށް ވުރެ ގިނަ މީހުން މިނިވަން ކޮށްފިއެވެ.

މަންޒަރު ދުށް ލީގަލް އެޑްވައިޒަރީ ގުރޫޕުގެ މެންބަރަކާ ހަވާލާދީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އިންސީން ޖަލުން މިނިވަން ކުރި ގައިދީންގެ ތެރޭގައި މުޅިންވެސް ހިމެނެނީ، އަސްކަރީ ބަޣާވާތާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ތެރެއިން ހައްޔަރު ކުރި މީހުން ކަމަށެވެ.

އެކްޓިވިސްޓު ގުރޫޕެއް ކަމަށް ވާ، ދި އެސިސްޓަންސް އެސޯސިއޭޝަން ފޮ ޕޮލިޓިކަލް ޕްރިޒަނާޒް އިން ބުނާ ގޮތުގައި، މިޔަންމާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން 2000 އެއްހާ މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

އަސްކަރިއްޔާއާ ދެކޮޅަށް ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކަށް ފަހު، މިޔަންމާގެ އާންމުން އިއްޔެ ވަނީ ހަނުހިމޭން ކަމުގެ އިހުތިޖާޖެއް ކޮށްފައެވެ. މިޔަންމާއިން އިއްޔެ ލިބުނު މަންޒަރުތަކަށް ބަލާއިރު، މަގުތައް ވަނީ މުޅިންހެން ފަޅުވެފައެވެ.

އަސްކަރީ ބަޣާވާތާއެކު ހައްޔަރު ކޮށްފައިވާ މިޔަންމާގެ ޑިމޮކްރަސީ ލީޑަރު އާންގް ސަންގް ސޫޗީއާ ދެކޮޅަށް ހިންގާ ޝަރިޔަތް، އޭޕްރިލް 1 ވަނަ ދުވަހަށް ފަސްކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ބުދަ ދުވަހު ބާއްވަން އޮތް ޝަރިޔަތް، އަންނަ މަހަށް ފަސްކޮށްފައި ވަނީ، ވީޑިއޯ ކޮންފަރެންސް ޓެކްނޮލޮޖީގައި މައްސަލަ ޖެހިގެން ކަމަށް، ސޫޗީގެ ވަކީލު ވަނީ ވިދާޅުވެފައެވެ.