ދުނިޔޭގެ އެންމެ އެކަހެރި ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދާ އުތުރު ކޮރެއާއިން، ޖަޕާން ކަނޑުގެ ސަރަހައްދުގައި، ބެލިސްޓިކް މިސައިލްތަކެއް ޓެސްޓު ކޮށްފިއެވެ.
ސީ އޮފް ޖަޕާން ސަރަހައްދަށް، އުތުރު ކޮރެއާއިން 2 މިސައިލެއް ފޮނުވާލި ކަމަށް ޖަޕާނާ އެމެރިކާގެ އޮފިޝަލުން ވިދާޅުވެއެވެ.
އދގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރުތަކުގެ ދަށުން، ބެލިސްޓިކް މިސައިލް ޓެސްޓު ކުރުމަކީ، އުތުރު ކޮރެއާއަށް މަނާ ކަމެކެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، އުތުރު ކޮރެއާއިން ވަނީ، ޔެލޯ ސީ ސަރަހައްދަށްވެސް ނޮން-ބެލިސްޓިކް ކުރޫޒް މިސައިލްތަކެއް ފޮނުވާލާފައެވެ. ކުރޫޒް މިސައިލް ޓެސްޓު ކުރުމަކީ މަނާ ކަމެއް ނޫނެވެ.
ޖަޕާނުން ބުނީ، އތުރު ކޮރެއާއިން ޓެސްޓު ކުރި މިސައިލާ ގުޅޭ އެއްވެސް ކުނިބުންޏެއް، އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް ފައިބާފައި ނުވާ ކަމާށެވެ.
ނަމަވެސް، ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސޫގާ ވިދާޅުވީ، މި ޓެސްޓުތަކަކީ، ސަރަހައްދީ ސުލްހައާ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
މިއީ އެމެރިކާގެ ވެރިކަމާ ޖޯ ބައިޑަން ހަވާލުވެވަޑައިގެންނެވި ފަހުން، އުތުރު ކޮރެއާއިން މި ފަދަ ޓެސްޓެއް ކުރި ފުރަތަމަ ފަހަރެވެ. އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތަކެއް ޓެސްޓު ކޮށްފައި މިވަނީ، އުތުރު ކޮރެއާއާ ގުޅުމަށް ބައިޑަންގެ ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.