ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތައް ބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އާންމުކޮށް ހުޅުވާލައިފިއެވެ. މީގެ އިތުރުން އާންމުކޮށް ވެހިކަލް ދުއްވުން ވެސް ވަނީ ހުޅުވާލާފައެވެ.

އެޗްޕީއޭއިން ރޭ މެންދަމު ނެރުނު 2 އިއުލާނަކުން އެކަން އާންކު ކުރި އިރު، އެއް އިއުލާނުގައި އޮތީ، ޕާކުތަކާއި މައިޒާންތައް ބަންދު ކުރަން މާޗު 4، 2021 ވަނަ ދުވަހު އެންގި އެންގުން ބާތިލު ކޮށްފައި ވާ ކަމަށެވެ. އަދި އެ އެންގުމުގައި 7 ދުވަހުގެ މުއްދަތަށް އަޅަން ނިންމި އެހެން ހުރިހާ ފިޔަވަޅެއް މާރު 25، 2021 އިން ފެށިގެން އިތުރު 7 ދުވަހަށް ދެމި އޮންނާނެ ކަމަށް ވެސް އެންގުމުގައި ވެއެވެ.

ރޭ މެންދަމު ނެރުނު ދެވަނަ އިއުލާނުގައި އޮތީ، ފެބްރުއަރީ 12، 2021 އިން ފެށިގެން އިރުއޮއްސި 6:00 އިން ފަތިހު 6:00 އަށް، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި ކަމަށެވެ.

ވެހިކަލް ދުއްވަން އެޗްޕީއޭއިން އާންމު ކޮށް ހުޅުވާލި ނަމަވެސް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް އާންމުން ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. އެއީ މިހާރުވެސް ކާފިއު ގަޑިއެވެ.

އަޅާފައިވާ ފިޔަވަޅުތައް:

  • ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުން
  • ދުވުމަށް ހާއްސަކޮށްފައި ވާ ޓްރެކުތައް ބަންދުކުރުން
  • ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން
  • އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލުން

އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން އަޅާފައިވާ ފިޔަވަޅުތައް:

  • ޖިމްތަކުގައި، އެކަނި ކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުން
  • ހާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރު ކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓު އޮތުން
  • ޕްރީ ސްކޫލުތަކާއި، ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓާލުން
  • ޑޭ ކެއަގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ދިނުން ހުއްޓާލުން

އެޗްޕީއޭއިން ރޭ އެ ބަދަލު ގެނައި އިރު، މާލެ ސަރަހައްދުގައި މީހުން ގިނައިން އެއްވެ އުޅޭ ތަންތަން ބަންދު ކޮށް މަގުމަތީގައިވެސް ގިނަ ބަޔަކަށް އެކުގައި ނޫޅެވޭނެ ކަމަށް އެންގީ، ކޮވިޑް ފެތުރުން ދަށް ނުވާތީއެވެ. ޕާކުތަކާއި މައިޒާންތައް ހުޅުވާ، ވެހިކަލް ދުއްވޭ ގޮތް ހެދި އިރު، އިއްޔެވެސް ރާއްޖެއިން 139 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދަދުތައް ތަށަކަށް ނުދެއެވެ.