ރ. މަޑުއްވަރީގައި އާންމުންގެ ބަޔަކު ނުކުމެ ޕޮލިސް ސްޓޭޝަން ކުރިމަތީގައި އިހުތިޖާޖު ކުރަމުން އެބަ ދެއެވެ.

އެރަށުގައި އިހުތިޖާޖު ކުރަމުން ގެންދަނީ އެރަށު މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ފުލުހަށް ހުށައަޅާފައި ވަނިކޮށެވެ.

އިހުތިޖާޖު ކުރަމުންދާ މީހުން ދަނީ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރަން ގޮވާލަމުންނެވެ. ފުލުހުން ބުނީ އިހުތިޖާޖު ކުރަމުންދާ މީހުންނާ ވާހަކަ ދައްކަމުން ދާ ކަމަށެވެ.

ސޯޝަލްމީޑީއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ޝީލްޑާ އެކީ ތިބި ފުލުހުންނާއި އާންމުންނާއި ކުރިމަތިލުމަކަށް ދާ މަންޒަރެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ފުލުހުން ފަހަތަށް ޖެހި، ސްޓޭޝަނަށް ވަން މަންޒަރު ފެނެއެވެ. އޭގެ ފަހުން ފުލުހުންގެ އިދާރާގެ ދޮރުގަައި ބަޔަކު ފައިން ޖަހާ މަންޒަރުވެސް ވީޑީއޯއިން ވަނީ ފެނިފައެވެ.

ފުލުހުން މިރޭ ބުނީ ނޯތް ޑިވިޝަނަ ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަަށެވެ.