ގިނަ ބައެއްގެ އަތުން އެތަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާ ފިލައިގެން އުޅުނު މުހައްމަދު އަހުމަދު މޫސާ (އަންމަޓީ) ގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

ސީލައިފް ގްލޯބަލްގެ މެނޭޖިންގް ޑިރެކްޓަރު އަންމަޓީ މާލެ ގެނެސްފައި ވަނީ މިއަދު ލަންކާގައި އުޅެނިކޮށް ހައްޔަރުކޮށެވެ.

އަންމަޓީ ހައްޔަރުކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަންމަޓީ ލަންކާއިން ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 21، 2021 ވަނަ ދުވަހުއެވެ.

ސީލައިފުން ވަނީ ހުޅުމާލޭގައި 3000 އެޕާޓްމެންޓު ގާއިމް ކުރުމަށް އިއުލާންކޮށް 280 މީހުންގެ އަތުން 50،000 ރުފިޔާ ނަގާފައެވެ. އެގޮތުން ޖުމްލަ 14 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ އާންމުންގެ އަތުން ނަގާފައެވެ.

ސީލައިފް ގްލޯބަލްއަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލްކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުންއެވެ.

ސީލައިފްއަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލް އިން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގައެވެ.