9 މީހުންނާއެކު މާލެއަށް ދަތުރު ކުރަމުން ދާ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރި ވާން ފަށައިފިއެވެ.

އެމްއެންޑިއެފުން ބުނީ ޏ. ފުވައްމުލަކުން ފުރައިގެން މާލެ އަށް ދަތުރު ކުރަމުން ދާ ބޯޓެއް ދިޔަވާ ކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ މިއަދު މެންދުރު ހަފު 3:06 ހާއިރު ކަމަށެވެ.

ދިޔަވަމުން ދަނީ އެމް 5 ނަމަކަަށް ކިޔާ ބޯޓެކެވެ. އެ ބޯޓު ދިޔަވަމުން ދަނީ ގއ. ވިލިނގިލީ އިރު އުތުރުން އެއް ނޯޓިކަލް މޭލް ބޭރުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެެއެވެ. އެ ބޯޓުގައި ތިބި މީހަކަށްވެސް އަދި އެއްޗަކަށްވެސް ގެއްލުން ނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެމްއެންޑީއެފުން އެފަދައިން ބުނެފައި ވާއިރު، މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ދެކުނު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރައިން މައުލޫމާތު ދެއެވެ.