ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މަޖިލީހަށް ހާޒިރުކޮށްދެއްކެވި ވާހަކައިގެ ތެރެއިން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވީ ބިރުދައްކައިގެން ކަމަށް ވިދާލުވި ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ފާސްކޮށްފިއެވެ.
މަލީހު އެ ކޮމިޓީއަށް ހާޒިރުކޮށްފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ދިޔަ ދުވަހު މައްސަލައިގައި ޖަވާބު ދެއްވަމުން މަލީހު ދެއްކެވި ބައެއް ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން މަލީހް ވަނީ ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރު ކުރައްވާފައިވާ ކަމަށާއި ޝިދާތާއަށް މަޖީލީހުން ބިރުދައްކާފައިވާ ކަމަށް ވިދާޅުވެ ތުހުމަތު ތަކެއް ކުރައްވާފައެވެ.
މި މައްސަލައާ ގުޅިގެން އެ ކޮމިޓީގައި 3 ބައްދަލުވުމެއް ބާއްވާފައިވާ އިރު ފުރަތަމަ ބައްދަލުވުމުގައި ވަނީ މަލީހް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ނަމަވެސް މަލީހު ވަނީ އެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އޭނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެ ކަމަށް ތަކުރާކޮށް ވިދާޅުވެފައެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން މެންބަރުން ވަނީ މި މައްސަލައިގައި މަލީހު ވާހަކަ ދައްކަވާފައި ވަނީ ވަރަށް އަދަބެއް ނެތް ގޮތަކަށް ކަމަށާ އަދި އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ދެއްކެވުމުން އެ ކަމާ ގުޅިގެން ސިޓީއަކުން މަލީހަށް ނަސޭހަތް ދޭން ފެންނަ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި އެ ވާހަކަ ތަކަކީ އޭނާގެ އިތުބާރު ނެތް މައްސަލައިގައި ހާޒިރުކޮށްގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާގެ ދިފާއުގައި ދެއްކެވި ވާހަކައެއް ކަމަށް ފާހަގަ ކުރެވުނު ކަމަށް މެންބަރުން ވިދާޅުވިއެވެ. އެހެންކަމުން މިއަދު ކޮމިޓީގައި ވަނީ މަލީހަށް ނަސޭހަތުގެ ސިޓީއެއް ފޮނުވަން ވެސް ފާސްކޮށްފައެވެ.