ރާއްޖޭގައި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އިގްތިސޯދީ ގޮތުން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) މެދުވެރިކޮށް ދެމުންދިޔަ ކޮވިޑް ރިލީފް ލޯނު ދިނުން ހުއްޓާލައިފިއެވެ.

ބީއެމްއެލް އިން ބުނީ، ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ތައާރަފް ކޮށްފައިވާ އީއައިބީ ކޮވިޑް ރިލީފް ލޯނަށް ކަނޑައަޅާފައިވާ އަދަދު މިއަދު ހަމަވެފައި ވާތީ ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން މިއަދުން ފެށިގެން ހުއްޓާލައިފައިވާ ކަމަށެވެ.

މި ލޯނަށް އެދި ހުށަހެޅުމަށް ބީއެމްއެލް އިން ވަނީ ދެ ފަހަރެއްގެ މަތިން ހުޅުވާލާފައެވެ. ފުރަތަމަ ފުރުސަތުގައި ލޯނަށް އެދުނު ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު ލޯނު ދޫކޮށް ނިމުނު އިރު، ކޮވިޑް ރިލީފް ފަންޑުގައި އިތުރު ފައިސާ ހުރުމުން ދެވަނަ ފުރުސަތަކަށް އެ ބޭންކުން ވަނީ ހުޅުވާލާފައެވެ.

ދެވަނަ ދުރުސަތަށް ހުޅުވާލައިފައި ވަނީ މިމަހުގެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެލޯނަށް މިއަދުން ފެށިގެން ހުށަހެޅުމުގެ ފުރުސަތު މިވަނީ ބަންދު ކޮށްފައެވެ.

މި ސްކީމްގެ ދަށުން ލޯނުގެ ގޮތުގައި 15.42 މިލިއަން ރުފިޔާ ފައިނޭންސް ކުރުމަށް ވަނި ހަމަޖެހިފައެވެ. އަދި މި ސްކީމްގައި އިންޓްރެސްޓް ދައްކަން ޖެހެނީ ހަ ޕަސެންޓަށް ވުރެ ކުޑަކޮށެވެ. ލޯނަށް އަނބުރާ ފައިސާ ދެއްކުމުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ލިބޭ ގޮތަށެވެ.