އަސްކަރީ ބަޣާވާތަކާ ގުޅިގެން މަސްރަހު ނުތަނަވަސް ވެފައިވާ މިޔަންމާގެ ސަލާމަތީ ބާރުތަކުން، އުމުރުން އެންމެ 7 އަހަރުގެ އަންހެން ކުއްޖެއްގެ ގަޔަށް ބަޑި ޖަހާ، މަރާލާފައި ވާ ކަމަށް، މިޔަންމާގެ އާންމު ރައްޔިތުން ބުނެފިއެވެ.

މަރާލި އަންހެން ކުއްޖާގެ އާއިލާ މެންބަރުން ބުނާ ގޮތުގައި، މަންޑާލޭ ސިޓީގައި އެ ކުއްޖާ މަރާލާފައި ވަނީ، އެ ކުއްޖާގެ ގޭ ތެރޭގައެވެ.

މިއީ ބަޣާވާތާ ގުޅިގެން މިޔަންމާގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ހުއްޓުވާ، ގައުމު ކޮންޓްރޯލް ކުރުމުގެ ނަމުގައި ސަލާމަތީ ބާރުތަކުން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން، މިހާތަނަށް މަރާލި އެންމެ ހަގު ކުއްޖާއެވެ.

ހައްގުތަކަށް ވަކާލާތު ކުރާ ސޭވް ދަ ޗިލްޑްރަން ޖަމިއްޔާއިން ބުނާ ގޮތުގައި، މަރާލާފައިވާ މީހުންގެ ތެރޭގައި 20 ކުޑަކުދިން ހިމެނެއެވެ. ހަމަނުޖެހުންތަކުގައި މަރާލި މީހުންގެ އަދަދު 164 އަށް އަރާ ކަމަށް މިޔަންމާގެ އަސްކަރިއްޔާއިން ބުނާއިރު، އެކްޓިވިސްޓް ގުރޫޕެއް ކަމަށް ވާ، އެސިސްޓަންސް އެސޯސިއޭޝަން ފޮ ޕޮލިޓިކަލް ޕްރިޒަނާޒްއިން ބުނާ ގޮތުގައި، 261 މީހަކު ވަނީ މަރާލާފައެވެ.

7 އަހަރުގެ އަންހެން ކުއްޖާ މަރުވީ، ބަޑީގެ ހަމަލާތަކުން ލިބުނު ޒަހަމްތަކުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިޔަންމާގެ މީޑިއާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، މިޔަންމާގެ އަސްކަރިއްޔާއިން ބަޑި ޖެހީ އަންހެން ކުއްޖާގެ ބައްޕަގެ ގަޔަށެވެ. ނަމަވެސް ގޭތެރޭގައި އެ އަންހެން ކުއްޖާ އޭރު އިނީ ބައްޕަގެ އުނގުގައި ކަމަށާ، ވަޒަން އެރީ އަންހެން ކުއްޖާގެ ގަޔަށް ކަމަށެވެ.

އާއިލާ މެންބަރުން ބުނާ ގޮތުގައި މަރުވި އަންހެން ކުއްޖާގެ، 19 އަހަރުގެ ބޭބެވެސް ވަނީ ހައްޔަރު ކޮށްފައެވެ.

މި ރިޕޯޓްތަކަށް މިޔަންމާގެ އަސްކަރިއްޔާއިން ވަކި އެއްޗެއް ނުބުނެއެވެ.