ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ޖަހާފައި ހުރި ކަމުގައި ވީ ނަމަވެސް، ސައުދީގައި ތިބި މީހުންގެ ތެރެއިން، އުމުރުން 70 އަހަރުން މަތީގެ މީހުންނަށް މިވަގުތު އުމްރާ ޕާމިޓް ދޫ ނުކުރާނެ ކަމަށް، ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ، ސައުދީގައި މިވަގުތު ތިބި އެ ގައުމުގެ ރަށްވެހިންނާއި ބިދޭސީންގެ ތެރެއިން، އުމުރުން 18 އަހަރާއި 70 އަހަރާ ދެމެދު މީހުންނަށް، އެ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އުމްރާ ޕާމިޓް ދޫކުރާނެ ކަމަށެވެ. އުމްރާ ވާން އަންނަ މީހުންނާއެކު ކުޑަކުދިން ނުގެނެވޭނެ ކަމަށާ، ނަމަވެސް ޕާމިޓް ލިބޭ މީހެއްގެ ބައިވެރިއެއްގެ ގޮތުގައި އެމީހެއްގެ މަންމަ އިތުރު ކުރެވޭނެ ކަމަށްވެސް ސައުދީއިން ބުނެއެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނީ، އުމްރާ ޕާމިޓް ހޯދުމަށްޓަކައި، ކޮވިޑް ވެކްސިން ޖެހުން ލާޒިމު ނޫން ކަމަށެވެ. ނަމަވެސް ކޮވިޑް ޓެސްޓުގެ ނަތީޖާ ހުށަހަޅަންޖެހޭ ކަމަށް މައުލޫމާތު ލިބެއެވެ.
ވުޒާރާގެ އެސިސްޓަންޓް މިނިސްޓަރު އަދި ތަރުޖަމާނު ޑރ މުހައްމަދު އަލް-އަބްދިލް އަލީ ވިދާޅުވީ، އުމްރާ ވުމަށް ކޮވިޑް ވެކްސިން ޖެހުމާ ގުޅޭ ކަންކަން އަދިވެސް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ، ހައްޖުގެ އަޅުކަން އަދާ ކުރަން އެދޭ ފަރާތްތަކުން، ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުން ލާޒިމު ވާނެ ކަން އިއުލާން ކޮށްފައެވެ.
ސައުދީ އަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ވާ ގައުމެކެވެ. ނަމަވެސް، 400 އިން މަތިން، އާ ކޭސް ރެކޯޑް ކުރާތާ އިއްޔެއަށް މިއީ ދެވަނަ ދުވަހެވެ. ހޯމަ ދުވަހު 404 ކޭސް ރެކޯޑް ކުރިއިރު، އަންގާރަ ދުވަހު 410 ކޭސް ރެކޯޑް ކުރި ކަމަށް ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތަކުން ދައްކައެވެ. އިއްޔެގެ ނިޔަލަށް ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިގެން ސައުދީއިން 5 މީހަކު މަރުވި ކަމަށްވެސް ސިއްހަތާ ވެހޭ ވުޒާރާއިން ބުނެއެވެ.