ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑު އެތެރެ ކުރަން އެސްޓީއޯއަށް ސޮވެރިން ގެރެންޓީ ދޭން ޖެހުމަކީ ރާއްޖޭގެ އިގްތިސޯދު ވަރަށް ނުރައްކާތެރި ހިސާބަކަށް ގޮސްފައިވާ ކަމުގެ ހެއްކެއް ކަަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ސައީދު މިހެން ވިދާޅުވީ، މިއަދު ރައްޔިތުން މަޖިލީހުގައި ކާޑު ގަތުމަށް އެސްޓީއޯ އިން ނަގަން ބޭނުންވި ލޯނަކަށް ސަރުކާރުން ގެރެންޓީ ދިން މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފެނިގެން ނުދާ ވަރުގެ ކަމެއް ކަމަށެވެ.

ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން ނިމެން ދިމާވި ވަރަށް ގިނަ ސަބަބުތަކުގެ ތެރޭގައި ވެސް ކާޑުގެ މައްސަލަ ހިމެނޭ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެމަނިކުފާނު ކޮންމެ ދުވަހަކު އޮފީހަށް ވަޑައިގަންނަވާ އިރު ކާޑު ގުދަން ބައްލަވާފައި އޮފީހަށް ވަޑައިގަންނަވާ ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް ޒަމާންވީ އެ ދެ ވެރިކަމުގައި ވެސް މި ސަރުކާރުގެ ވެރިކަމުގައި ގައުމުގެ ހާލަތު ވެއްޓިފައި އޮތް ދަރަޖައަށް ކަންކަން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑު އެތެރެ ކުރަން ސަރުކާރުން އެސްޓީއޯއަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ)ގެ ގެރެންޓީއެއް ވަނީ ދީފަ އެވެ. އެތަކެތި އެތެރެކުރަން އެސްޓީއޯއިން ލޯން ނަގައިފައި ވަނީ ހޮންކޮންގް ޝަންހާއީ ބޭންކިން ކޯޕަރޭޝަން (އެޗްއެޗްބީސީ)ގެ މާލޭގެ ބްރާންޗުންނެވެ.