މިޔަންމާއިން ފޭބި ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގެ ކޭމްޕެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާ، 15 މީހުން މަރުވެ، 400 އެއްހާ މީހުންނަށް ވީ ނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

ބަންގްލަދޭޝްގައި ހުންނަވާ އދގެ ރެފިއުޖީ އޭޖެންސީގެ މަންދޫބު، ޖޮހޭނަސް ވެންޑާ ކްލާއޫވް ވިދާޅުވީ، މިފަދަ ހާދިސާއަކީ، މީގެ ކުރިން މި ކޭމްޕުތަކުން ފެނުނު ފަދަ ހާދިސާއެއް ނޫން ކަމަށެވެ.

އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒްއިން ބަންގްލަދޭޝްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ސަންޖީވް ކަފްލީ ވިދާޅުވީ، ކޭމްޕުން 17000 އަށް ވުރެ ގިނަ ހިޔާވަހި ހަލާކުވެފައި ވާ ކަމަށާ، އެތައް ހާސް މީހުންނެއްގެ ގެދޮރު ގެއްލިފައި ވާ ކަމަށެވެ.

ހިޖުރަވެރިންނާ ބެހޭ އދގެ އިދާރާއިން ވަނީ ރިލީފް މަސައްކަތަށް 1 މިލިއަން ޑޯލަރު ދޭނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް، މިހާރުން މިހާރަށް ފުއްދަން ޖެހޭ ޒަރޫރީ ބޭނުން ތަކަށް އަދި އިތުރު 20 މިލިއަން ޑޮލަރު ބޭނުން ވާ ކަމަށް ހަބަރު ލިބެއެވެ.

ބައިނަލްއަގުވާމީ ޓީމުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލިއިރު، ކޭމްޕުގެ 4 ސަރަހައްދަކަށް އަލިފާންގަނޑު ފެތުރިފައި އޮތް ކަމަށް މައުލުމާތު ލިބެއެވެ.

މީހުން ހޯދުމުގެ މަސައްކަތުގައި އޮފިޝަލުންނާ، އެހީދޭ ހިދުމަތްތެރިންނާ އާއިލާތަކުން އަތްފުނާ އަޅަމުން ދާއިރު، ބަންގްލަދޭޝްގެ އޮފިޝަލުން ދަނީ، ހާދިސާ ހިނގަން މެދުވެރި ސަބަބު ދެނެގަތުމަށް ތަހުގީގު ހިންގަމުންނެވެ.