އިންސާނީ ހައްގުތަކުގެ މައްސަލާގައި ސްރީލަންކާއާ ދެކޮޅަށް އެކުލަވާލާފައިވާ ގަރާރުގެ ދެލި ކޮޕީ ބަލައިގަތުމަށް، އިންސާނީ ހައްގުތަކާ ބެހޭ އދގެ ކައުންސިލް (ޔޫއެންއެޗްއާރްސީ) އިން ފާސްކޮށްފިއެވެ.
"ޕްރޮމޯޓިންގް ރީކޮންސިލިއޭޝަން، އެކައުންޓަބިލިޓީ އެންޑް ހިއުމަން ރައިޓްސް އިން ސްރީލަންކާ" ގެ ނަމުން ނަން ދީފައިވާ ޑްރާފްޓް ރެޒޮލޫޝަން ބަލައިގަތުމަށް ނިންމާފައި ވަނީ، މިއަދު ހަވީރު ކުރިއަށް ގެންދިޔަ ވޯޓުގައެވެ.
އިންސާނީ ހައްގުތަކާ ބެގޭ އދފެ ކައުންސިލްގެ 46 ވަނަ އާންމު ބައްދަލުވުމުގައި، މި ގަރާރު ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ކުރިއަށް ގެންދިޔައީ އިލެކްޓްރޯނިކް ވޯޓެކެވެ. ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ބައިވެރިވި 47 ގައުމަށް ބަލާއިރު، ގަރާރާ އެއްކޮޅަށް 22 ގައުމަކުން ވޯޓު ދިނެވެ. އަދި ގަރާރާ ދެކޮޅަށް 11 ގައުމަކުން ވޯޓު ދިން އިރު، 14 ގައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
މި ގަރާރު ސްޕޮންސާ ކޮށްފައި ވަނީ އިނގިރޭސިވިލާތް، ކެނެޑާ، ޖަރުމަނުވިލާތް، މަލާވީ، މޮންޓެނީގްރޯ އަދި ނޯތު މެސަޑޯނިއާއިންނެވެ. މި ގަރާރަކީ ބޭރު ގައުމުތަކުގައި ކުރިއަށްދާ ތަހުގީގުތަކަށްވެސް ލަންކާއިން އެއްބާރުލުން ދިނުމަށް ގޮވާލާ ގަރާރެކެވެ. މީގެ އިތުރުން، ލަންކާގެ އިންސާނީ ހައްގުތަކާ ގުޅޭ ކަންކަމުގައި މައުލުމާތު އެއްކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާކޮށް، ކަމާ ބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އެ މައުލޫމާތު ބޭނުން ކުރުމަށް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އދގެ އިދާރާއަށްވެސް މި ގަރާރު ގޮވާލައެވެ.
ޔޫއެންއެޗްއާރްސީގެ އެޖެންޑާގައި، ސެޕްޓެމްބަރު 2022 ވަނަ އަންނަންދެން، ކޮންމެ 6 މަހަކުން ސްރީލަންކާ އެޖެންޑާ ކުރުމަށްވެސް މިއަދު ބަލައިގަތް ގަރާރު ގޮވާލައެވެ. އަދި ސްރީލަންކާގެ މަސްރަހާ ބެހޭ ގޮތުން، ސެޕްޓެމްބަރު 2021، އަނގަބަހުން ބަޔާން ދެއްވުމަށްވެސް އިންސާނީ ހައްގުތަކާ ބެހޭ އދގެ އިސްވެރިޔާއަށް ލާޒިމުކުރެއެވެ. އަދި މާޗް 2022ގައި ލިޔުމުން ރިޕޯޓް ހުށަހެޅުއްވުމަށްވެސް ގޮވާލައެވެ.