ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދާން ހުއްދަ ދިން މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށް ދާގޮތަށް ބަލައި ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާރަވެރިވާން ނިންމައިފިއެވެ.
މިއަދު ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރެ އޭނާ ފުރާވަޑައިގެން މައްސަލައިގައި ކޮމިޓީގެ ނިންމުން އިއްވާފައެވެ.
މީގެ ކުރިން އެ ކޮމިޓީއަށް ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުރުން އިމިގްރޭޝަން ހާޒިރުކޮށް އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އޮޅުން ފިލުވައި އެ ފަރާތްތަކާ ސުވާލުކޮށްފައެވެ. އެ ގޮތުން މި މައްސަލައިގައި ކުރިން އިމިގްރޭޝަންގެ އިހުމާލެއް އޮތް ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ކޮމިޓީން ބެލިބެލުމުގައި އިމިގްރޭޝަނުން ކަން ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ބުނެފައި ވެއެވެ. އެއީ އިމިގްރޭޝަނުން ބަލާފައި ވަނީ ކޯޓުން ނެރެފައި އަމުރަށް ކަމަށާއި އެހެންކަމުން އަލީ ވަހީދުގެ ޕާސްޕޯޓް ނުހިފާއްޓާ އޭނާ ފުރާވަޑައިގަތުމުގައި އިމިގްރޭޝަންގެ އެއްވެސް އިހުމާލެއް އޮތް ކަމަށް ނުފެންނަ ކަމަށް ކޮމިޓީން ބުނެއެވެ.
މި މައްސަލަ ބަލައި ނިންމުމަށްފަހު ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ވަނީ އަލީ ވަހީދު ފުރަން ކްރިމިނަލް ކޯޓުން ހުއްދައެއް ދީ އޭނާގެ ޕާސްޕޯޓް ދޫކުރަން އަމުރު ނެރުއްވި އެކޯޓުގެ ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޕީޖީން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ކަމަށާއި، އަދި އެކޯޓު އަމުރު ހައިކޯޓުގައި މިހާރު އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކޮމެޓީގެ ނިންމުމަކީ މި މައްސަލައާއި ގުޅިގެން އެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ފާރަވެރިވެ ކޮމެޓީގެ އިހުތިސޯސްގެ ތެރޭ ހިމެނޭ މުއައްސަސާތައް ޖަވާބުދާރީ ކުރުވުން ކަމަށް އެ ރިޕޯޓުގައި ވެއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެ ރިޕޯޓުގައި ހިމަނާފައިވާ ބައެއް ހުށަހެޅުންތައް ވަނީ އިއްވާފައެވެ. އެ ގޮތުން ޝަރީއަތުގެ އަޑުއެހުންތަކުގެ ތާވަލު ކޯޓުތަކުން ދުރާލާ ކަނޑައަޅައި ދައުވާ ލިބޭ ފަރާތް އެ ދުވަސްތަކަށް ކޯޓަށް ހާޒިރުވުމަށް ފުރުސަތު ބޮޑު ކުރުވުން ހިމެނެއެވެ. އަދި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ނުވަތަ ރާއްޖެއިން ބޭރަށް ދައުވާ ލިބޭ ފަރާތް ދަތުރު ކުރަންޖެހޭ ހާލަތެއްގައި ޝަރީއަތުގެ އަޑުއެހުމެއް ނޯންނަ ވަގުތެއްގައި އެ ފަދަ ދަތުރުތައް އިންތިޒާމް ކުރުމަށް ފުރުސަތު ބޮޑު ކޮށްދީ ޝަރީއަތުގެ އަޑުއެހުންތަކަށް ހުރަސް ނޭޅޭ ގޮތަށް ކޯޓުގެ ނިޒާމު ފުރިހަމަ ކުރުމަށް ވެސް ހުށަހަޅާފައި ވެއެވެ.
ޕާސްޕޯޓް ހިފެހެއްޓުން ފަދަ ކުށުގެ ތުހުމަތު ކުރުވޭ ނުވަތަ ދައުވާ ލިބޭ ފަރާތުގެ ހައްގުތައް ހިފެއްހެއްޓިފައިވާ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމަށާއި ކުށް ސާބިތު ނުވާ ފަރާތްތަކުގެ ޕާސްޕޯޓް އަވަހަށް ވީއްލައި އެ ފަރާތްތަކުގެ ދަތުރު ފަތުރު ކުރުމުގެ ހައްގަށް އެއްވެސް މިންވަރަަކަށް ހުރަސް ނޭޅުމަށް ވެސް ކޮމިތީން ހުށަހަޅާފައި ވެއެވެ. ހަމައެއާއެކު ޖީނާއީ ބޮޑު ކުށެއްގެ ދައުވާ އުފުލިފައިވާ ފަރާތެއް ނަމަ ނުވަތަ އެފަދަ ކުށެއްގެ ތަހުގީގެއް ހިންގަމުންދާ މީހެއް ނަމަ އެމީހެއްގެ ޕާސްޕޯޓް ހިފެހެއްޓިފައިވުމަށް ފަހު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދޭން ޖެހިއްޖެ ހާލަތެއްގައި ޕާސްޕޯޓްގެ ބަދަލުގައި ދަތުރު ކުރުމުގެ ވަގުތީ ލިޔުމެއްގައި މެނުވީ ދަތުރުކުރުމުގެ ހުއްދަ ނުދެވޭ ގޮތަށް އުސޫލު ބަދަލު ކުރުމަށް ވެސް ކޮމިތީން ހުށަހަޅާފައި ވެއެވެ.
މީގެ އިތުރުން ޖީނާއީ ބޮޑު ކުށެއްގެ ދައުވާ އުފުލިފައިވާ ފަރާތެއް ނަމަ ނުވަތަ އެފަދަ ކުށެއްގެ ތަހުގީގެއް ހިންގަމުންދާ މީހެއް ނަމަ އެމީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދެވޭ ހިނދު ހުއްދަ ދެވޭ ސަބަބު އިތުރަށް މައްސަލައިގެ ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް އެންމެ ފުޅާ މިނެއްގައި ރިއާޔަތް ކުރުމަށް ވެސް ހުށަހަޅާފައި ވެއެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 9 ވަނަ ދުވަހު ބާއްވާފައިވާ އިރު އޭނާއަށް ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމާއެކު އޭނާ ފުރާ ވަޑައިގެންފައި ވަނީ އެ ދުވަހުގެ ހަވީރު ޓާކިޝް އެއާލައިނުގައި ލަންޑަނަށެވެ.