މިދިޔަ ހުކުރުދުވަހު ހދ. ކުޅުދުއްފުށީގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުއްޖަކު މަރުވެއްޖެއެވެ.

ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވީ އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓަށް ފަހު އެ ކުއްޖާގެ ދެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

އެ ކުއްޖާ މަރުވެފައި ވަނީ ފުރަތަމަ ކުރި އޮޕަރޭޝަނަށް ފަހު ގެޔަށް ބަދަލުކޮށް، އަނެއްކާ ހާލު ގޯސްވެގެން ދެ ވަނަ އޮޕަރޭޝަނެއް ކޮށްގެން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ މަރުވެފައި ވާއިރު، މިއީ މާޗް މަސް ތެރޭގައި މިހާތަނަށް މިފަދަ ހާދިސާތަކުގައި މަރުވި ތިން ވަނަ މީހާއެވެ. އެއީ މިއަދު ނިޔާވި ކުއްޖާގެ އިތުރުން އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓްގައި ނިޔާވި އަންހެނަކާއި، ލ.އަތޮޅު ގަމުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނެކެވެ.