50 ޓަނުގެ ޑީސަލް ބަރުކޮށްގެން، މާލެއިން ދިޔަ ދޯންޏެއް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް ރޭ ދަންވަރު 03:09 ހާއިރު ދޯންޏެއް ފަރަށް އަރައިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެއީ މާލެ އިން ފުރައިގެން ހއ. އަތޮޅަށް ދަތުރުކުރަމުން ދިޔަ "ސްނޯ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.

އެ ދޯނި އަރާފައި ވަނީ ށ. ކީކިމިނި ކައިރިން، ބޮލިސްތާ ފަރަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. ރޭ މެންދަމު ދޯނި ފަރަށް އެރި އިރު އެދޯނީގައި ދިވެއްސަކާއި ދެ ބިދޭސީއަކު ތިއްބެވެ. ހާދިސާގައި ދޯންޏަށާއި މުދަލަށް ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް ސާފެއް ނުވެއެވެ.

އެމްއެންޑީއެފް އިން ބުނީ ޑީސަލް ހުރީ ފީފާތަކުގައި ކަމަށާއި އެއްވެސް ވަރަކަށް ކަނޑަށް ޑީސަލް އެޅިފައި ނުވާ ކަމަށެވެ.

ދޯނީގެ ވެރިފަރާތާ ގުޅައި ދޯނި ފުންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.