ޗައިނާގެ އާބާދީގެ ނިސްބަތުން ބައިމަދު އާބާދީއެއްގެ ގޮތުގައި ބަލަމުން އަންނަ، ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ހުދުމުހުތާރު ކޮމިއުނިސްޓް ސަރުކާރުން ހިންގަމުންދާ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ ޖަރީމާތަކާ ގުޅިގެން، ހުޅަނގުގެ ގައުމުތަކުން، ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

ޗައިނާއިން ދަނީ ރީހެބިލިޓޭޝަން ސެންޓަރުތަކެއްގެ ގޮތުގައި ޖަލު މަރުކަޒުތަކެއް ހަދާ، މިލިއަނެއްހާ ވީގޫރު މުސްލިމުންނަށް އެތަނުގައި ލާއިންސާނީ އަނިޔާ ދެމުން ކަމަށް ހަބަރުތައް ބުނެއެވެ. މަޖުބޫރުން އަޅު މަސައްކަތް ކުރުވުމާ، ޖިންސީ ގޯނާގެ ޖަރީމާތައްވެސް އެ މަރުކަޒުގައި އިންތިހާއަށް ހިންގާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

މިމައްސަލާގައި ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ، ވިލާތުގެ އިއްތިހާދު، އެމެރިކާ އަދި ކެނެޑާ ގުޅިގެން އެޅި ފިޔަވަޅުތަކެއްގެ ގޮތުގައެވެ.

ޗައިނާއިން ދަނީ އެ ގައުމަށް އަމާޒު ކުރާ ފާޑުކިއުންތަކަށް އިންކާރު ކުރަމުންނެވެ. އަދި ޗައިނާއިން ހިންގާ މަރުކަޒުތަކަކީ "ރީ-އެޑިއުކޭޝަން" ކޭމްޕުތަކެއް ކަމަށް އެ ގައުމުން ދަނީ ބުނަމުންނެވެ.

ނަމަވެސް، އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނީކް ރާބް ވިދާޅުވީ، ޗައިނާއިން ވީގޫރު މުސްލިމުންނާ ދެކޮޅަށް އަމަލު ކުރަމުންދަނީ، އިންސާނީ ހައްގުތަކުގެ އެންމެ އަސާސްތައްވެސް ނިގުޅައިގަންނަނިވި ރޫހެއްގައި ކަމަށެވެ.

ކޮމިއުނިސްޓް ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމު އަންހެނުން ރަމްޒުކޮށްދިނުމަށް ބޭޏުންކޮށްފައިވާ ތަސްވީރެއް / ފޮޓޯ: ފޮރިން ޕޮލިސީ ޖީވީވަޔާ

1989 ވަނަ އަހަރު، ޓިއަނަމަން ސްކޮއާ ސަރަހައްދުގައި، ޑިމޮކްރަސީއަށް ގޮވާލާ، މުޒާހަރާ ކުރަމުންދިޔަ މީހުންނާ ދެކޮޅަށް ޗައިނާގެ ބާރުތަކުން ހިންގި ޖަރީމާތަކަށް ފަހު، ވިލާތުގެ އިއްތިހާދުން ޗައިނާއާ ދެކޮޅަށް، އާ ދަތިކުރުމުގެ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ވީގޫރު މައްސަލާގައި ޗައިނާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ، ވީގޫރު މުސްލިމުން ދިރިއުޅެމުން އަންނަ ޝީންޖިއާންގް ޕްރޮވިންސްގެ އިސް އޮފިޝަލުންނަށެވެ. އެ ގޮތުން، އޮފިޝަލުންނަށް ދަތުރުފަތުރު ނުކުރެވޭ ގޮތަށް ޓްރެވެލް ބޭން އިއުލާން ކޮށްފައި ވާއިރު، އެ މީހުންގެ އެސެޓްތައް ފްރީޒް ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ޗައިނާގެ ޝީންޖިއާންގް ޕްރޮވިންސްގައި ވީގޫރު މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ކޭމްޕެއް/ފޮޓޯ: އޭޝިއާ ޓައިމްސް

މި ފިޔަވަޅުތަކުގެ ރައްދުގައި ޗައިނާއިން ވަނީ ވިލާތުގެ އޮފިޝަލުންނާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާފައެވެ. ޗައިނާއިން ބުނަމުންދަނީ ހުޅަނގުގެ ގައުމުތަކުން އެޅި ފިޔަވަޅުތަކަކީ، ހަގީގަތުން އެއްކިބާވެފައިވާ މައުލުމާތާއި ދޮގުތަކެއްގެ މައްޗަށް ބިނާކޮށް، ތަންފީޒު ކުރާ ފިޔަވަޅުތަކެއް ކަމަށެވެ.

ހުޅަނގުގެ ފިޔަވަޅުތަކަށް ރައްދު ދެމުން ޗައިނާއިން ވަނީ، ވިލާތުގެ 4 މުއައްސަސާއަކާ 10 މީހަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ތަންފީޒު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. މި ފަރާތްތަކަކީ ޗައިނާގެ އިސްތިގުލާލާ މަސްލަހަތަށް ނުރައްކާ ކުރާ ފަރާތްތަކެއް ކަމަށްވެސް ޗައިނާއިން ބުނެއެވެ.