ދާދި ފަހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްގެ ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ، އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަން އެނގިވަޑައިގެންފައި ވަނީ ދަތުރެއް ކުރެއްވުމަށްޓަކައި މި މަހުގެ 17 ވަނަ ދުވަހު ހެެއްދެވި ޕީސީއާރު ޓެސްޓުގެ ނަތީޖާއިން ކަމަށެވެ. މިއަދާ ހަމައަށް ކޮވިޑަށް ޕޮޒިޓިވް ވިތާ 5 ދުވަސް ވެފައި ވާއިރު، ﷲ ގެ ރަހްމަތްފުޅުން އަދި އެ ބަލީގެ އެއްވެސް އަލާމަތެއް ނެތް ކަމަށާއި ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ކޮވިޑަށް ޕޮޒިޓިވްވި ހަބަރު ލިބުމާއެކު އޭނާއަށް ހެޔޮ ދުއާކޮށް ގިނަ ބަޔަަކު މެސެޖުކޮށްފައިވާ ކަން ފާހަގަ ކުރައްވަމުން ޝިޔާމް ވަނީ އެ މީހުންނަށް ޝުކުރު ދަންނަވާފައެވެ.
ޝިޔާމް ކޮވިޑަށް ޕޮޒިޓި ވްވެފައި ވާއިރު މި މަހުގައި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އާޒިމް ކޮވިޑަށް ޕޮޒިޓިވް ވި އިރު އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ އޭނާގެ އުފަން ދުވަސް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ފާހަގަ ކުރައްވާފައެވެ. ކޭކް ފެޅުމަށް ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި 20 އަކަށް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އާޒިމްގެ ކޭކް ފެޅުމުގެ ރަސްމިއްޔާތުގައި ޝިޔާމް ވެސް ހުންނަވާތަން ފެންނަ އިރު، އެ ރަސްމިއްޔާތުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެ ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒު ވިއެވެ.