މިޔަރު މަސްވެރިކަން ކުރަމުން ދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މިއަދު 11:30 ހާއިރު އދ. މަންދޫ ކައިރޫގައި ބަޔަކު މިޔަރު މަސްވެރިކަން ކުރަމުން ދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އދ އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން އެ ދޯނި ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ދޯނި ހުއްޓުވާފައި ވަނީ މާވަރު ފަޅު ކައިރިން 4 މީހުންނާއެކު މިޔަރު މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އެ ދޯނި ބަލާ ފާސްކުރި އިރު ދޯނި ތެރެއިން މިޔަރާއި މިޔަރު އުރަހަ އަދި ލޮނު އަޅާފައި ހުރި މިޔަރު މަސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިޔަރު މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި މީހުން ބާނާފައިވާ މިޔަރު ތަކެއް/ ފޮޓޯ: ޕޮލިސް

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ދާއިރު، މި އަހަރު ޖެނުއަރީ މަހު ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް އޭވިއޭޝަން ސެކިއުރިޓީގެ ކާގޯ ސްކްރީނިން ޔުނިޓުން ވަނީ ހިފަހައްޓާފައެވެ.

ރާއްޖޭގައި މިޔަރަކީ ހިމާޔަތް ކޮށްފައި ވާ އެއްޗެކެވެ. އެގޮތުން މިޔަރު ހިފުމާއި މިޔަރަށް ގޯނާ ކުރުމަކީ ވެސް މަނާ ކަމެކެވެ.

ނަމަވެސް ގަވާއިދާ ހިލާފަށް މިޔަރު ހިފާ އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރަމުން ދާ މައްސަލަ ދޭތެރެ ދޭތެރެއިން އަންނަނީ ފެންމަތި ވަމުންނެވެ.