ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން ފޯރުކޮށްދެމުން އަންނަ އަވަށްޓެރި އިންޑިއާގައި، ކަންބޮޑުވާ ދަރަޖައަށް، ކޮވިޑް ކޭސްތައް އިތުރުވާން ފަށައިފިއެވެ.

ހުސްވި ހަފުތާގައި އިންޑިއާއިން 260000 ކޮވިޑް ކޭސް، މުޅިން އަލަށް ރެކޯޑް ކުރިއިރު، މިއީ މިދިޔަ އަހަރު ކޮވިޑް-19ގެ ކޭސްތައް އެގައުމުން ފެންނަން ފެށިފަހުން، އިންޑިއާ ދުށް އެންމެ ނުރައްކާ އެއް ހަފުތާއެވެ.

މާޗް 15 އިން މާޗް 21 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ރެކޯޑް ކުރި ކޭހުގެ އަދަދު، އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު 100000 ކޭސް އިތުރެވެ.

އިންޑިއާގެ ކޭސްލޯޑަށް ބަލާއިރު، 70 ޕަސެންޓް ހިއްސާ ކުރަނީ މަހާރާޝްތުރާ ސްޓޭޓުންނެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އިންޑިއާއިން ކޮވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފަށާފައި މިވަނީ، ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ކުރުމުގެ ސަބަބުންނެވެ. އަނެއް ބަޔަކު ބުނަމުން ދަނީ، އަސްލު ސަބަބަކީ، އާ ވޭރިއަންޓްތައް އުޅުން ކަމަށެވެ. ނަމަވެސް، އިންޑިއާގައި މިވަގުތު އުފެދިފައިވާ ކޮވިޑް ސާޖަކީ، ކަނޑައެޅިގެން ކޮން ސަބަބަކާ ހެދި ކުރިމަތިވި ސާޖެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ކުރެވެން ފެށީ، އިންޑިއާއަށް ހާޑް އިމިއުނިޓީ ލުބުނީ ކަމަށް ބައެއް މީހުންނަށް ހީވުމުގެ ސަބަބުން ކަމަށް ވާއިރު، ވެކްސިންގެ ސަބަބުންވެސް އެކަށީގެންވާ ރައްކާތެރި ކަމެއް ލިއްބައިދޭ ކަމަށް ބަޔަކަށް އޮތީ ހީވެފައެވެ.

2021 ވަނަ އަހަރަށް ފެށުމާ އެކުގައި ހެން އިންޑިއާގެ ކޭސްލޯޑް ދަށް ވާން ފެށިއެވެ. މިދިޔަ ސެޕްޓެންބަރު މަހާ ހިސާބުގައި، ދުވާލަކު 90000 އެއްހާ ކޭސް ރެކޯޑް ކުރި އިންޑިއާއިން، މިއަހަރުގެ ކުރީ ކޮޅު ދުވާލެއްގެ މައްޗަށް ރެކޯޑް ކުރި ކޭސްތަކުގެ އަދަދު 20000 އަށް ވުރެވެސް ދަށަށް ދިޔައެވެ.

ކޭސްލޯޑް އެންމެ ބޮޑުވެފައިވާ މަހާރާޝްތުރާއިން ވަނީ ރެންޑަމް ސާމްޕަލް ނެގުން މަޖުބޫރުކޮށް، އެކަމަށް އިންކާރު ކުރާ މީހުންނަށް އަދަބު ދެވިދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.