އޮސްޓްރޭލިއާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން، ނިއު ސައުތު ވޭލްސް ސަރަހައްދުން 18000 އެއްހާ މީހުން، ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފިއެވެ.
ނިއު ސައުތު ވޭލްސްގެ އައްސޭރި ފަށުގެ ސަރަހައްދުތަކަށް މިހާރު ވަނީ، މޫސުން އިންތިހާއަށް ގޯސްވެދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
ގިނަ ދުވަސްތަކަކަށް ގަދަ ވިއްސާރަ ދިގުލާ ދިއުމުގެ ސަބަބުން ކޯރުތަކާ ޑޭމްތައް ފުރި، ބަންޑުން ވުމުގެ ހާދިސާތައް، ސިޑްނީއާއި ކުއީންސްލަންޑް ސަރަހައްދުގައި ހިނގަމުން އަންނަ ކަމަށް ހަބަރު ލިބެއެވެ.
ބައި ގަރުނަކުން އެއް ފަހަރު ކުރިމަތިލާން ޖެހޭ ކަމަށް އެ ގައުމުން ސިފަ ކުރާ ގަދަ ވިއްސާރާގައި، މީހުން ސަލާމަތްކޮށް، ހޯދުމުގެ މަސައްކަތަށް އަސްކަރިއްޔާގެ ސަފުތައްވެސް ވަނީ ރުކުރުވާލާފައެވެ.
މިއަދުވެސް ނިއު ސައުތު ވޭލްސްއަށް އިންތިހާއަށް ގަދަ ވަޔާއެކު ބޯކޮށް ވިއްސާރަ ކުރާނެ ކަމަށާ، އާދަޔާ ހިލާފަށް ބިޔަ ރާޅުވެސް ނަގަމުން ދާނެ ކަމަށް، އޮސްޓްރޭލިއާގެ މޫސުމާ ބެހޭ ބިއުރޯއިންވަނީ ލަފާކޮށްފައެވެ.
އިންތިހާއަށް ބިންތިރި 15 ސަރަހައްދެއްގައި ދިރިއުޅޭ މީހުން، ރައްކާތެރި ހިސާބުތަކަށް ބަދަލު ވުމަށް، ކަމާ ބެހޭ ފަރާތްތަކުން ވަނީ އިންޒާރު ކޮށްފައެވެ.
ކޯރުތައް ފުރި، މަގުތަކާ ބްރިޖުތައް ބަންދު ވުމުގެ ސަބަބުން، 200 އެއްހާ ސްކޫލްވެސް މިއަދު ބަންދު ކަމަށް މައުލޫމާތު ލިބެއެވެ.
އޮސްޓްރޭލިއާއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު، އޭގެ އެންމެ އިންތިހާއަށް ކުރަމުން އަންނަ ގައުމެކެވެ. މިހާރު ގަދަ ވިއްސާރަކޮށް، ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާ ސަރަހައްދުތަކަކީ، މިދިޔަ އަހަރު، ގަދަ އަލިފާންގަނޑުތައް ރޯވަމުން ދިޔަ ސަރަހައްދުތަކެވެ.