މިއަދު މާލެ ސަރަހައްދުގައި ޖަހައިދޭން ހަމަޖެހިފައި ވަނީ ސައިނޯފާމް ވެކްސިން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މިއަދު މާލޭ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ (ސައިނޯފާމް) ފުރަތަމަ ޑޯޒް ޖެހުމަށް ހަމަޖެހިފައި ވަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ. މިއަދު ހުޅުވާލާފައި ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ ދެވަނަ ބުރަށެވެ.

ޗައިނާގެ ސައިނޯފާމް / ބެއިޖިންގެ ބައޯ އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސް ކޮމްޕެނީ ލިމިޓެޑުން އުފައްދާފައި ވާ ސައިނޯފާމް ވެކްސިނަށް 20 އަށްވުރެ ގިނަ ގައުމުން ވަނީ ހުއްދަ ދީފައެވެ. ސައިނޯފާމް ވެކްސިން ޖެހުމުގެ ހުއްދަ ނުލިބޭ ގްރޫޕްތަކެއް ވެއެވެ. އެއީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން، ކޮވިޑް-19 އަށް މިވަގުތު ޕޮޒިޓިވް ވެފައިވާ މީހުން، މާބަނޑު މީހުން އަދި ދިފާއީ ނިޒާމް ދަށް ކުރާ ބަލިތައް ހުންނަ މީހުންނާއި އެފަދަ ބޭހެއް ބޭނުން ކުރާ މީހުންނެވެ.

ހުން އައިސް ބަލިވެ އުޅޭ މީހުންނަށް މި ވެކްސިން ޖެހޭނީ ބަލީގެ އަލާމާތްތައް ފިލާތާ 3 ދުވަސް ފަހުންނެވެ. ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް މި ވެކްސިން ޖެހޭނީ ބަލިން ރަނގަޅު ވާތާ 28 ދުވަހުންނެވެ. އަދި ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނަށް މި ވެކްސިން ޖެހޭނީ ޓްރާންސްޕްލާންޓޭޝަން ހެދިތާ 3 މަސް ދުވަސް ފަހުންނެވެ.

ސައިނޯފާމް ވެކްސިން ޖެހުމުގެ ސަބަބުން ބައެއް ސައިޑް އިފެކްޓްސްތައް ފެނިދާނެއެވެ. ސައިޑް އެފެކްޓްތައް ފެނުމަކީ، ތިމާގެ ހަށިގަނޑު ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމުގެ ހެއްކެކެވެ. އެގޮތުން، ސައިޑް އިފެކްޓްތަކުގެ ތެރޭގައި ހިމެނެނީ، ވެކްސިން ޖެހި ތަނަށް ތަދުވުން، ދުޅަވުން، ކެހުން، ހޫނުވުން، މަސްގުޅަކެއުން މިފަދަ ކަންކަމެވެ. އަދި ވަރުބަލި ކުރުމާއި، ބޮލުގަ ރިއްސުން، ހުން އައިސް ތުރުތުރުއެޅުން، ހޮޑުލެވި ބޭރަށް ހިންގުން، ހުޅުހުޅުގައި ރިއްސުމުގެ އިތުރުން ތަންތަނުގައި ރިއްސުން ވެސް ސައިޑް އިފެކްޓްސްތަކުގެ ތެރޭގައި ހިމެނެއެވެ.

ސައިނޯފާމް ވެކްސިނަކީ ވެސް ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭ ވެކްސިނަކަަށްވާ އިރު ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނީ ފުރަތަމަ ޑޯޒް ޖަހާތާ 3 ނުވަތަ 4 ހަފްތާ ފަހުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާ އިރު، މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖެހުން މެދުކަނޑާލާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑާލި އިރު މި ސަރަހައްދުން 121،630 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. މިހާތަނަށް ޖުމްލަ 218،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައި ވާއިރު، 97،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައި ވަނީ އަތޮޅު ތެރެއިންނެވެ.

މީގެ ކުރިން ވެސް މާލެ ސަރަހައްދުގައި 18 އަހަރުންމަތީގެ އުމުރު ފުރާގެ ކޮންމެ މީހަކަށް ވެސް ވަނީ ވެކްސިން ޖަހާފައެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ބިދޭސީންނަށް ވެސް ވަނީ މި ކެމްޕޭންގެ ދަށުން ވެކްސިން ޖަހައިދީފައެވެ.

ރާއްޖެއަށް މިހާތަނަށް ލިބި، ބޭނުން ކުރަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި 2 ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި 12000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިނެވެ. ނަމަވެސް ވެކްސިން ޖެހި އަދަދު ވަނީ 212،000 އަށް ވުރެ މައްޗަށް ގޮސްފައެވެ. ލިބުނު ވެކްސިން އަށް ވުރެ ގިނައިން ވެކްސިން ޖަހާކަން ފާހަގަ ވެފައި ވާ ސަބަބު އޮޅުން ފިލުވައި ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެފައި ވަނީ، 212،000 ޑޯޒްގެ ވެކްސިނަކީ 21،200 ވެކްސިން ފުޅި (ވައިލް) ކަމަށެވެ. އަދި ކޮންމެ ފުޅިއަކުން 10 ޑޯޒް ނެގޭ އިރު، ބައެއް ފުޅިން 11 ޑޯޒް ވެސް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެއް ވަނަ ޑޯޒް ދިނުން ހުއްޓާލާފައިވާ އިރު ދެވަނަ ޑޯޒް ވެކްސިން އަންނަ އޭޕްރިލް މަހު ޖަހަން ފެށޭ ވަރުވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭޕްރިލް މަސް ފެށެން ވާއިރަށް އިތުރު ވެކްސިން ލިބޭނެ ކަމަށް އެޗްޕީއޭއިން ލަފާ ކުރެއެވެ.