ކާނިވާ ސަރަހައްދުގައި ހުންނަ ބަސް ސުޓޮޕު ކައިރީގައި ރޭ މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުންވެފައިވާއިރު އެކަން ހިނގާދިޔަ ގޮތް ފުލުހުން ސާފުކޮށްދީފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެނިގެންދަނީ އާންމުންގެ ބަޔަކު މަގުމަތީގައި މީހަކަށް އަނިޔާ ކުރި އިރު އެކަން ނުހުއްޓުވާ ތިން ފުލުހަކު އެ މަންޒަރު ބަލަން ތިބޭ މަންޒަރެކެވެ. އެ ވީޑިއޯ އާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ތިބެ އެކަން ހުއްޓުވަން އެއްވެސް މަަސައްކަތެއް ކޮށްފައިނުވާތީ އާންމުންގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ވީޑިއޯއިން ފެންނަނީ އާއިލާ އިން ހޯދަމުންދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހެއް ފަރުވާއަށް ދިޔުމަށްޓަކައި ހޮސްޕިޓަލަށް ގެންދިއުމަށް އާއިލާއިން މަސައްކަތް ކުރިއިރު އެކަމާ ދެކޮޅު ހަދާ ގަދަ ދެއްކުމުން އާއިލާއިން ގަދަކަމުން އޭނާ ހޮސްޕިޓަލަށް ގެންދިޔުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ އެމީހާއަށް ބޭނުންވާ ފަރުވާ ދެމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގި ވަގުތު ހިނގާފައިވާ ކަންކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އޭގެ އިތުރުން އެކަން ހިނގާދިޔައިރު އެސަރަހައްދުގައި ތިބި ފުލުހުން އަމަލުކޮށްފައިވަނީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިންތޯ އާއި ފުލުހުން ދައުރު އަދާކޮށްފައިވާ ގޮތް ބެލުމަށް ކޮމިޝަނާ އޮފް ޕޮލިސް ވަނީ ޕްރޮފޭޝަނަލް ސްނޭންޑާޑްސް ކޮމާންޑް އަށް އަންގާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާގެ ދެފައި ވަނީ ބަނދެފައެވެ. އަދި ޕިކަޕަކަށް ގުޅައިގެން އެމީހާ ގެއަށް ގެންދިއުމަށް އެތަނުން މީހަކު ބުނުމުން، އަނިޔާ ލިބުނު މީހާ ވަނީ ނުގެންދެވޭނެ ކަމަށް ބުނެފައެވެ.