އަންނަ އަންގާރަ ދުވަހު، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.

އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުއިއްޒު ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. މުއިއްޒު ވިދާޅުވީ، މޭޔަރުކަމަށް ކުރިމަތިލައްވައިގެން ކެމްޕޭން ކުރައްވަމުން މިދާ ދަނޑިވަޅުގައި އެ މަސައްކަތަށް ސަރުކާރުގެ ފަރާތުން ހުރަސް އެޅުމަށްޓަކައި އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރާ ކަމަށެވެ.

އެގޮތުން އޭނާގެ އަބުރު ކަތިލުމަށް މި ސަރުކާރުން އަންގައިގެން މި މަހުގެ 23 ވަނަ ދުވަހު އޭސީސީއަށް ހާޒިރުވާން އަންގާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ދުވަހު އޭސީސީއަށް ހާޒިރުވެ ވަޑައިގަންނަވާނެ ކަމަށާއި އެ ކޮމިޝަނުން ކުރާ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އޭސީސީއަށް ހާޒިރު ކުރަނީ ކޮން މައްސަލއަކާ ގުޅިގެން ކަމެއް މުއިއްޒުވެސް ވިދާޅުވެފައެއް ނުވެއެވެ. ހަމައެއާއެކު މިކަމާ ގުޅިގެން އޭސީސީއަށް ގުޅުމުން، އެއްވެސް މައުލޫމާތެއް އެ ކޮމިޝަނުން ހިއްސާ ކޮށްފައެއް ނުވެއެވެ.