މާލޭގެ ގެއެއްގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ އުމުރުން 3 އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕައެއް ކަމަށް ވެސް އާއިލާއިން ބުނެއެވެ. އަދި މަރުވެފައިވާ ކަން އެނގުނީ ރޭ ނިދި ގޮތަށް ހަބަރު ނުވެގެން ފަތިސް ނަމާދަށް ގޮވަން ދިޔަ އިރު އެއްވެސް ހަރަކާތެއް ނެތުމުން ކަމަށް އާއިލާއިން ބުނެއެވެ.

އޭނާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ އިރު އޭނާ ވަނީ ކޮވިޑް ބަލީގައި މަރުވި މީހެއްތޯ ބެލުމަށް ޓެސްޓުކޮށްފައި ކަމަށް ވެސް އާއިލާއިން ބުނެއެވެ. އަދި އޭނާގެ ނަތީޖާ ނެގެޓިވް ކަމަށް ވެސް އާއިލާއިން ބުނެއެވެ.

މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޭނާގެ ކަށު ނަމާދުކޮށް ވަނީ ވަޅުލާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މާލޭ ގެއެއްގައި މީހަކު މަރުވެފައި އޮތް މައްސަަލައެއް މިއަދު ފަތިހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބެލުމަށްޓަކައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.