މި އަހަރުގެ ރޯދަ މަހު މާލެ ސަރަހައްދުގައި ތަރާވީސް ނަމާދު ޖަމާއަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ރޯދަ މަހު ތަރާވީސް ނަމާދު ކުރާނީ ޖަމާއަތުގައި ކަމަށާއި ނަމާދު ކުރާނީ މިހާރު އަމަލު ކުރާ ގޮތަށް ގައިދުރުކޮށް ތިބެގެން ކަމަށެވެ.

މިދިޔަ އަހަރު ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް މިސްކިތްތައްވެސް ބަންދުކުރިއެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުންވެސް އެއްކޮށް ހުއްޓާލިއެވެ.

މި އަހަރު ގައިދުރު ކަމާއެކު ތަރާވީސް ނަމާދު ކުރަން ނިންމާފައިވާއިރު، ކޮވިޑްގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވެ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައްވެސް ހަރުކަށިކޮށްފައި ވަނީ ދާދި ފަހުންނެވެ.

އެގޮތުން އަޅާފައިވާ ފިޔަވަޅުތަކަުގެ ތެރޭގައި މިސްކިތުގައި ނަމާދު ކުރާއިރު ގައިދުރު ކަން ދެމެހެއްޓުމާއި މާސް އެޅުމާއި ގެއިން ވުޟޫކޮށްގެން ދިއުމާއި އަމިއްލަ މުސައްލައެއް ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.