1442 ވަނަ އަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓާ ވާން އެދޭ ފޯމު ހުށަހެޅުމަށް މިއަދު ފަހު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އަލުން އެކުލަވާލަން ނިންމާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު 21 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ. އެ ދަފްތަރުގައި ރަޖިސްޓްރީ ވާ މުއްދަތު މިއަދަށް ހަމަވާއިރު، މިއަދު 1:30 ގައި ފޯމު ހުށަހެޅުމުގެ ފުރުސަތު ބަންދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، މާލޭގައި މި ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު މެންދުނު 1:30ގައި ބަންދު ކުރިއަސް، ރަށްރަށުގައި އެކަން ތަފާތު ވާނެ ކަމަށެވެ. އެގޮތުން އެ ރަށެއްގެ ކައުންސިލަކުން އަންގާ ގޮތެއްގެ މަތިން ފޯމު ބަލައިގަތުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ. ނަމަވެސް ކައުންސިލްތަކަށް ހުށަހަޅާ ހުރިހާ ފޯމުތަކެއް މިމަހު 25 ވަނަ ދުވަހުގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފަގީރުންގެ ދަފްތަރުގައި މާލެ ސިޓީގައި އީމެއިލް މެދުވެރިކޮށް ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައި ވާއިރު، ރަށްރަށުގައި ފޯމު ބަލައިގަންނާނީ އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުން ކަމަށް އެ މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށް، ދިިރިއުޅުމުގެ ހާލަތު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ފަގީރުންނާއި މިސްކީނުންގެ ލިސްޓު ރިވިއު ކޮށްފައި ވާއިރު، އަލަށް ރިވިއު ކުރި ލިސްޓުގައި 11514 މީހަކު ވެއެވެ. މީގެ ކުރިން އާންމު ކުރި ލިސްޓުގައި ވަނީ 8764 މީހެކެވެ. އެ ފަރާތްތަކަށް ބަހަން ހަމަޖެހިފައި ވަނީ ބޮލަކަށް 2000 ރުފިޔާއެވެ. ނަމަވެސް، މިހާރު އިއުލާން ކޮށްފައި ވަނީ ކުރިން އޮތް ދަފްތަރު އުވާލާ، މުޅިން އާ ދަފްތަރެއް އެކުލަވާލުމަށެވެ.