ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ފެތުރޭ މިންވަރު އިތުރު ވަމުން ދާ ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން، އާންމު އެއްވެ ތޮއްޖެހޭ ތަންތަނުގައި ކޮވިޑަށް ޓެސްޓު ކުރުން، މުމްބާއީއިން ލާޒިމު ކޮށްފިއެވެ.
މުމްބާއީގެ ލޯކަލް ގަވަމަންޓުން ބުނީ، ވިޔަފާރި މަރުކަޒުތަކާ ރޭލު ސްޓޭޝަންތަކުގައި ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށާ، ކޮވިޑަށް ޓެސްޓު ކުރާނީ ރެންޑަމް ސާމްޕަލް އުސޫލުން ކަމަށެވެ. އަދި މި ތަންތަނުގައި ހަދާނީ ރެޕިޑް ޓެސްޓު ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ކޮވިޑް ޓެސްޓަށް ސާމްޕަލް ދިނުމަށް އިންކާރު ކުރުމަކީ، ކުށެއް ކަމުގައިވެސް ބަލާނެ ކަމަށް މުމްބާއީގެ ލޯކަލް ގަވަމަންޓުން ވަނީ ބުނެފައެވެ.
މިކަން ތަންފީޒު ކުރަން ފަށާނީ 22 މާޗް، 2021 އިން ފަށައިގެން ކަމަށް ސިޓީގެ އޮފިޝަލުން މައުލޫމާތު ދެއްވައެވެ. އޮފިޝަލަކު ވިދާޅުވީ، ކާރޫބާރޫ ބޮޑު ސަރަހައްދަކަށް ވަންނަ ކޮންމެ މީހަކީވެސް ކޮވިޑް ސްވަބް ޓެސްޓު ހަދަން ތައްޔާރަށް ހުންނަން ޖެހޭނެ މީހެއް ކަމަށެވެ.
ބައިބޯ ސަރަހައްދުތަކުގައި ހަދާ ކޮވިޑް ޓެސްޓަށް އުޖޫރައެއް ދައްކަން ނުޖެހޭނެ ކަމަށާ، ނަމަވެސް ވިޔަފާރި މަރުކަޒުތަކުގައި ހަދާ ޓެސްޓުތަކަށް ހިނގާ ހަރަދަކީ، ފަރުދީ ގޮތުން ދައްކަން ޖެހޭ ފީއެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ހޮނިހިރު ދުވަހުވެސް އިންޑިއާއިން ވަނީ ރެކޯޑް އަދަދަކަށް ކޭސް ރެކޯޑް ކޮށްފައެވެ. ހޮނިހިރު ދުވަހު 40953 ކޭސް ރެކޯޑް ކޮށްފައި ވާއިރު، މިއީ ފާއިތުވީ 4 މަހެއްހާ ދުވަހަށް ބަލާއިރު އެއް ދުވަހާ މިހާ ގިނަ އަދަދެއްގެ ކޭސް ރެކޯޑް ކުރި ދުވަސް ކަމަށް މައުލޫމާތު ލިބެއެވެ.
މުމްބާއީއަކީ އިންޑިއާގައި ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ މަހާރާޝްތުރާ ސްޓޭޓްގެ ހޮޓްސްޕޮޓެކެވެ.