އިއްޔެ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރި މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 23 މީހަކު ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ، އިއްޔެ މުޒާހަރާއިން ޖުމްލަ 25 މީހަކު ހައްޔަރު ކޮށްފައިވާ އިރު އޭގެތެރެއިން 23 މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ދޫކޮށްލީ ޖޫރިމަނާ ކުރުމަށް ފަހުގައި ކަމަށާއި އަދި ބާކީ ދެމީހަކު ބަންދުގައި ބަހައްޓާފއި ތިބި ކަމަށެވެ. އެ ދެމީހުންނަކީ ފުލުހުންނަށް ހަމަލާ ދިން ބައެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން 23 މީހަކު ޖޫރިމަނާކޮށްފައި ވަނީ އެޗްޕީއޭއގެ ގައިޑްލައިނާ ހިލާފްވެފައި ވާތީ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ސީދާ އެ އެންމެން ޖޫރިމަނާ ކޮށްފައިވާ އަދަދު ފުލުހުން ހާމަނުކުރި ނަމަވެސް މިފަދަ ކުށްތައް ތަކުރާރު ވާނަމަ ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައިވާ އުސޫލުގައިވާގޮތުން ނަމަ ޖޫރިމަނާ ކުރާ އަދަދު އިތުރުވާނެ ކަމަށް ފުލުހުން ބުނެއެވެ.
އިއްޔެ އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރުމަށް ނިކުމެފައި ވަނީ "އިންޑިއާ މިލިޓްރީ އައުޓް" މި ނަމުގައެވެ. އިއްޔެ އިދިކޮޅުން ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ނުކުމެފައި ވާއިރު ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދު ކޮށްފައެވެ. ހަމައެއާއެކު ބްރިޖު ވިއު ޕްލެޓްފޯމުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް ބެރިކޭޑް ޖަހައި ފުލުހުން ވަނީ އެ ސަރަހައްދަށް މީހުންނަށް ނުވަދެވޭނެ ހެން ބަންދުކޮށްފައެވެ. މީގެ އިތުރުން ބަންދުކޮށްފައިވާ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ހުރިހާ ގޯޅިއެއް ވެސް ވަނީ ބަންދުކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހު ވެސް އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި މުޒާހަރާއެއް ކޮށްފައެވެ. އެ މުޒާހަރާއިން ވެސް ފުލުހުން ގިނަ ބަޔަކު ހައްޔަރު ކުރިއެވެ. ޖުމްލަ 24 މީހަކު މިދިޔަ ހުކުރު ދުވަހު ހައްޔަރު ކުރި އިރު އޭގެ ތެރެއިން އެކަކު ފިޔަވާ ދެން ތިބި މީހުން ދޫކޮށްލީ ޖޫރިމަނާ ކުރުމަށް ފަހުއެވެ.
އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް މޖުޒާހަރާ ކުރަމުން އަންނަނީ މި ސަރުކާރުން ރައްޔިތުންނަށް ކުރަމުންދާ ދަތިތަކުން އަރައިގަތުމަށްޓަކައި އަޑުއުފުލަމުންނެވެ. އިންޑިއާ ސިފައިންނާ ގުޅިގެން އެންމެ ފަހުން ކުރި މުޒާހަރާތައް ކޮށްފައިވާއިރު މީގެ ކުރިން ވަނީ ހިޔާ ފްލެޓް ނުލިބި ނިކަމެތިވެފައިވާ ރައއްޔިތުންގެ ހައްގުގައި ވެސް މުޒާހަރާ ކޮށްފައެވެ. އަދި ކެމްޕޭން ކުރުމުގައި ޕާޓީތަކަށް ހަމަހަމަ ފުރުސަތު ނުލިބޭތީ އެކަމާ ގުޅިގެން ވެސް އަޑުއުފުލާ އިދިކޮޅު މުޒާހަރާތަކުގައި ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އަދި އެޗްޕީއޭއިން ކޮވިޑް ހާލަތުގައި އަޅާފައިވާ މިންގަޑުތަކަކީ ވަކި ބަޔަކަށް މަންފާ ހާސިލް ކުރުމަށް އަޅާފައިވާ މިންގަޑުތަކެއް ކަމަށް ބުނެ ވެސް އިދިކޮޅުން އެޗްޕީއޭއަށް ވެސް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެޗްޕީއޭއިން ވަނީ އެއްވުންތައް ނުބޭއްވުމަށާއި އާންމު ތަންތަނަށް އެކުއެކީގައި 5 މީހުންނަށް ވުރެ ގިނައިން ނުކުމެ އުޅުން މަނާކޮށްފައެވެ. އަދި އެޗްޕީއޭގެ އެންގުންތައް ތަންފީޒު ކުރަން ފުލުހުން މަސައްކަތް ކުރަމުން ދާނެ ކަމަށް ބުނެފައި ވެއެވެ.