މަސްތުވާތަކެތީގެ ވަބާގައި އުޅޭ މީހުންގެ ތެރެއިން ވިހާ އަންހެނުންގެ މައްސަލަތައް ބަލައި އެ މައިންނާއި ދަރިންގެ ކަންތަކުގައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ، މަސްތުވާތޚެތީގެ ވިޔަފާރީގެ ފައިސާ އާއި ފައިސާ ވެރިންގެ ފަހަތުން ދިއުމާ ގުޅޭ ގޮތުން އޭނާގެ ބްލޮގްގައި ލިޔެފައިވާ ލިޔުމެއް ޓްވީޓާގައި ޝާއިއުކުރުމާއެކު އެ ޓްވިޓަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ކުރެއްވި ކޮމެންޓަކަށް ޖަބާވު ދެއްވަމުންނެވެ. ޑރ. ފައިސަލް ވަނީ މަސްތުވާތަކެތީގައި ވަބާގައި ޖެހިގެން އިތުރު ޖީލުތައް ހަލާކުވުމުގެ ކުރިން މަސްތުވާތަކެތީގެ ވަބާއިން މިގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މި ވަބާގައި އުޅެނިކޮށް، އިހަކަށް ދުވަހު ވިހޭ މަންމައަކަށް ވެސް ހަދާނެ ގޮތެއް ނޭނގުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޝަމީމް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި އުޅޭ މަންމައިންނާއި ވިހާ ކުދިންގެ ކަންތައްތަކާ ގުޅިގެން ކުރިއަށް އޮތް ހަފްތާގައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ އިރު އެއްވެސް މައުސޫމް ކުއްޖަކަށް ދެރަ ގޮތެއް ނުވާނޭ ގޮތަށް ކަންތައް ހަމަޖައްސައްވާނަން ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މި ވަބާގައި އުޅޭ މަންމައިންނާއި ވިހާ ކުދިންގެ ކަންތަކާ މިފެށޭ ހަފްތާގައި ފިޔަވަޅުތަކެއް އެބަ އަޅަން. އިރާދަކުރެއްވިއްޔާ، މައުސޫމް ކުއްޖަކަށް ދެރަ ގޮތެއް ނުވާނޭގޮތަށް ކަންތައް ހަމަޖައްސާނަން."
ހުސައިން ޝަމީމް

މީގެ އިތުރުން ޝަމީިމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ، ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެއީ ހައްލު ކުރަން އެންމެ ދަތި އެއް މައްސަލަ ކަމަށާއި ހުރިހާ މައްސަލަތަކެއް ގުޅިފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި ޝަމީމް ސިފަ ކުރެއްވިއެވެ. މިހާރު ވެސް ޖަލުގެ އާބާދީގެ ބޮޑު ޕަސެންޓަކީ "ޓާމިނޭޝަން" ހުކުމުގައި ތިބި މީހުން ކަމަށާއި މަސްތުވާތަކެތި ބޭނުން ކުރާ މީހުން، އެއާދަ ހިފެހެއްޓުމަށް ކުދި ކުދި ވައްކަން ކުރާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެ ހުރިހާ މައަސަލައެއް ކޯޓަށް ހުށަހެޅީމާ ކޯޓުތައް ތާށިވެ، ލަސްވާ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

މި މައްސަލަތައް ހައްލުކުރުމަކީ ހުރިހާ ސަރުކާރަކުން ވެސް ކޮށްފައިވާ ކަމެއް ކަން ފާހަގަ ކުރައްވަމުން ޝަމީމް ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދިނުން ހަރުދަނާ ކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި މި ސަރުކާރުން ވެސް އެ މަސައްކަތް އެބަ ކުރާ ކަމަށް ޝަމީމް ވިދާޅުވިއެވެ.