ރ. އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށާއި، ކޭސް އިންވެސްޓިގޭޝަންގެ މަސައްކަތް ކުރުމަށެވެ. އަދި އެކަން ކުރަނީ، ކޮވިޑްގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރި މީހަކު އެ ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ މިއަދެވެ.

އުނގޫފާރު މޮނިޓަރިންއަށް ލި ކަމުގެ ލިޔުން

އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވާއިރު، އެ ރަށް އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހެވެ. އޭރު މިނިޓަރިންގެ ހާލަތަށް ގެންދިޔައީ ރެންޑަމްކޮށް ނެގި ސާމްޕަލްއެއް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. ނަމަވެސް، ފަހުން އިތުރު ޓެސްޓެއް ހެދުމަށް ފަހު، އެއީ ފޯލްސް ޕޮޒިޓިވް ކޭސްއެއް ކަމަށް ނިންމާ، ރަށް މޮނިޓަރިންގެ ހާލަތުން ވަނީ ނަގާފައެވެ.

މިފަހަކަށް އައިސް، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވަމުން ދާ މިންވަރު އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.