އަލާސްކަންފުޅާ އުޅުއްވުމަށްފަހު ކުއްލި ގޮތަކަށް، ޓެންޒޭނިއާގެ ރައީސް ޖޯން މަގުފޫލީ އަވަހާރަވުމާ ގުޅިގެން، ނައިބު ރައީސާ ސާމިއާ ސުލޫހޫ ހަސަން، އެ ގައުމުގެ ރައީސް ކަމުގެ ހުވާ ކުރައްވައިފިއެވެ.
މަޑުމައިތިރި މިޒާޖެއްގެ ސާމިއާއަކީ ޓެންޒޭނިއާގެ ރައީސް ކަމުގެ މަގާމަށް ފުރަތަމަ އިސް ކުރެވުނު އަންހެނާއެވެ. އަދި މިއީ އެފްރިކާގެ ގައުމެއްގެ ރައީސް ކަމަށް މުސްލިމު އަންހެނަކު އައްޔަން ކުރެވުނު ފުރަތަމަ ފަހަރު ކަމަށްވެސް ހަބަރު ލިބެއެވެ.
މަގާމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން، އުމުރުފުޅުން 61 އަހަރުގެ ސާމިއާ ވަނީ، މަގުފޫލީ އަވަހާރަވުމާ ގުޅިގެން 21 ދުވަހުގެ މުއްދަތަށް، ގައުމީ ހިތާމަ އިއުލާން ކުރައްވާފައެވެ. އަދި މާޗް 22 ވަނަ ދުވަހާއި 25 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ. މިއީ މަގުފޫލީގެ ޖަނާޒާއާ ފަސްދާނުވެޑުމުގެ ކަންކަން ކުރިއަށް ދާނެ ދުވަސްތައް ކަމަށް ބެލެވެއެވެ.
ސާމިއާ ވިދާޅުވީ މިއަދު ކުރެއްވުނު ހުވައަކީ، ހަޔާތުގައި މިހާތަނަށް ކުރެއްވުނު އެންމެ ތަފާތު ހުވާ ކަމަށާ، އެހެނީ، މިހާތަނަށް ހުވާ ކުރައްވާފައި ވަނީ އުފާވެރި ހާލެއްގައި ކަމަށް ވެފައި، މި ފަހަރު ހާލަތު ތަފާތުވުން ކަމަށެވެ. ސަރުކާރުގެ އެންމެ މަތީ މަގާމުގެ ހުވާ ކުރައްވަން ޖެހިވަޑައިގަތީ ހިތާމަފާޅު ކުރުމުގެ ތެރެއިން ކަން ސާމިއާ ވަނީ ފާހަގަ ކުރައްވާފައެވެ.
2 ހަފުތާއެއްހާ ދުވަސް އާންމުންނަށް ފެނިވަޑައިގެން ނުގެން އުޅުއްވުމަށްފަހު، މަގުފޫލީ އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ކަން، ޓެންޒޭނިއާގެ ސަރުކާރުން އިއުލާން ކުރީ މިދިޔަ ބުދަ ދުވަހުއެވެ. ފެބުރުއަރީ 27 ވަނަ ދުވަހަށް ފަހު، އާންމުންނަށް މަގުފޫލީ ފެނިފައި ނުވާއިރު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް އޭނާ ޕޮޒިޓިވްވި ކަމުގެ އަޑުތަކެއްވެސް ފެތުރެނެވެ. ނަމަވެސް އޮފިޝަލުން ވަނީ ރައީސް އަލާސްކަންފުޅާ އުޅުއްވާކަން ދޮގު ކުރައްވާފައެވެ.
ޓެންޒޭނިއާގެ ގާނޫނު ބުނާ ގޮތުން، މަގުފޫލީގެ ވެރިކަމުގެ ބާކީ ދުވަސްތައް ފުރިހަމަ ކުރައްވާނީ ސާމިއާއެވެ. 5 އަހަރުގެ ދެވަނަ ދައުރެއް މަގުފޫލީ ކާމިޔާބު ކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުއެވެ. ޓެންޒޭނިއާގެ ރައީސް ކަމަށް މަގުފޫލީ އެންމެ ފުރަތަމަ އިންތިހާބު ކުރެވުނީ 2015 ވަނަ އަހަރުއެވެ.