މަލިކު ކައިރިން، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތިޔާރާއެކު ސްރީލަންކާއަށް ނިސްބަތްވާ ތިން ބޯޓު ހިފަހައްޓައިފިއެވެ. މި ބޯޓުތައް ހިފެހެއްޓީ އިންޑިއާގެ ކޯސްޓްގާޑުންނެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވާ ގޮތުގައި މި ބޯޓުތައް ހިފަހައްޓާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި މި ބޯޓުން 300 ކިލޯގެ ހެރޮއިން އާއި އެކޭ-47ގެ 5 ރައިފަލްގެ އިތުރުން 1000 ލައިވް ވަޒަން ފެނިފައި ވާ ކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

މިހާރު މި ބޯޓުތައް ދަނީ އިންޑިއާ ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން އެންމެ ކައިރީގައި އޮތް ޕޯޓަށް ދަތުރު ކުރަމުންނެވެ. މި ބޯޓުތައް ޕޯޓަށް ގެންދިއުމަށްފަހު މައްސަލަ ތަހުގީގު ކުރާނެ ކަމަށް އިންޑިއާ ކޯސްޓް ގާޑާ ހަވާލާދީ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

މަސްތުވާތަކެއްޗާއި ހަތިޔާރާއެކު ލަންކާގެ 3 ބޯޓު އިންޑިއާއިން ހިފަހައްޓާފައި ވާއިރު، ދާދި ފަހުން ވެސް މަލިކު ކައިރިންހިފެހެއްޓި 3 ބޯޓުން މަސްތުވާތަކެތި ފެނިފައި ވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެ ބޯޓުތަކުން ވަނީ ޖުމްލަ 260 ކިލޯގެ މަސްތުވާތަކެތި އަތުލައި، 6 މީހަކު ހައްޔަރު ކޮށްފައެވެ.

މަސްތުވާތަކެއްޗާއެކު ދަތުރު ކުރާ މަސް ބޯޓުތައް ރާއްޖެ ސަރަހައްދުން ވެސް ވަރަށް ގިނައިން ފެނެއެވެ. އަދި އޭގެ ތެރޭގައި ލަންކާގެ މަސްބޯޓުތައް ވެސް ހިމެނެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްުދން ފެންނަ ބައެއް ބޯޓުތަކުގައި މަސްތުވާތަކެތި ފެންނަ އިރު، ބައެއް ފަހަރު އެއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އުޅޭ ބޯޓުތައް ކަމަށް ވެސް ވެއެވެ.