ލ. ގަމުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ.

"ދަ ޕްރެސް" މައުލޫމާތު ދެމުން އޭޑީކޭން ބުނީ މިދިޔަ އާދިއްތަ ދުވަހު ގަމުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ އަށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ 55 އަހަރުގެ ދިވެހި އަންހެނަކަށާއި، 28 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 32 އަހަރުގެ ބިދޭސީ އަކަށެވެ. އޭގެ ތެރެއިން މަރުވެފައި ވަނީ 55 އަހަރުގެ އަންހެން މީހާ، ލ. ގަން، ވެލަބުލިގެ، ފާތިމަތު މަނިކެއެވެ.

ފާތިމަތު މަނިކެގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދު ހުކުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

ގަމުގައި ހިނގި އެކްސިޑެންޓުގައި އަންހެނަކު މަރުވެފައި ވާއިރު، އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އިއްޔެ ވަނީ މަރުވެފައެވެ. އޭނާ މަރުވެފައި ވަނީ އެކްސިޑެންޓަށް ފަހު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.