ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމުގައި އެހެން ގައުމުތަކާ ތަފާތު ނުކުރުރާ ކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ސަފީރު ވިދާޅުވީ، ޗައިނާއިން ދިވެހިރާއްޖެއަށް ދިން ވެކްސިނަކީ ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ދީފައިވާ ވެކްސިން ކަމަށާއި ނަމަވެސް، ޗައިނާއިން ވެދީފައިވާ އެހީ އޮޅޭ ފަދަ ގޮތަކަށް ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން ދިން ވެކްސިން ހުރީ އަދި ޗައިނާގައެވެ. އެ ވެކްސިން ރާއްޖެއާ ހަމައަކަށް އަދި ނާދެއެވެ. ޗައިނާއިން ބުނީ އެހެން ގައުމުތަކަށްވެސް ވެކްސިން ފޯރުކޮށްދިނުމުގައި އަމަލުކޮށްފައި ވާނީ މިގޮތަށް ކަމަށާއި، އެކަމުގެ ހަގީގަތް އޮޅޭގޮތަށް ރިޕޯޓް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާ ސަފީރު އެ މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ޗައިނާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ލައްކަ ޑޯޒްގެ ވެކްސިން ހުރީ ރާއްޖޭގައި ނޫން ކަމަށާއި އެ ވެކްސިން ބަލާ ޗައިނާއަށް ދާން ޖެހޭ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ކުރި ރިޕޯޓަކާ ގުޅިގެންނެވެ.

ޗައިނާއިން އެންމެ ފުރަތަމަ ވެކްސިން ރާއްޖެއަށް ފޯރުކޮށްދޭކަން ހާމަކުރީ މިދިޔަ މަހެވެ. އޭރު އެއް ލައްކަ ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެކަން އިއުލާން ކުރުމަށް ފަހު އިތުރު އެއް ލައްކަ ޑޯޒްގެ ވެކްސިން ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވާކަން ހާމަކުރީ މި މަހުގެ 4 ވަނަ ދުވަހެވެ.