ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިނަކީ، "ރައްކާތެރި އަދި ކާމިޔާބު" ވެކްސިނެއް ކަމަށް ވިލާތުގެ ރެގިއުލޭޓަރުން ކަނޑައެޅުމާއެކު، މި ވެކްސިން ޖެހުން މަޑުޖައްސާލި ބޮޑެތި ގައުމުތަކުން، އެކަން ބަދަލުކޮށް، އަލުން ވެކްސިން ޖަހަން ފަށަން ތައްޔާރު ވެއްޖެއެވެ.

ޔޫއަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ) އިން އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން މުރާޖައާ ކުރީ، މި ވެކްސިންގެ ސަބަބުން ލޭގަނޑުވާ މައްސަލަ ދިމާވާ ކަމަށް ބުނެ، ވިލާތުގެ އިއްތިހާދު (އީޔޫ) ގެ 13 ގައުމަކުން، މި ވެކްސިން ބޭނުން ކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމާ ގުޅިގެންނެވެ.

އީއެމްއޭގެ ހޯދުންތަކަށް ބަލާއިރު، އަސްޓްރާޒެނީކާގެ ވެކްސިންގެ ސަބަބުން އެ ފަދަ ބޮޑު ނުރައްކަލެއް އޮތް ކަމަކަށް ނުފެނުނެވެ.

މިއާއެކު، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، އިޓަލީވިލާތް އަދި ސްޕެއިންވެސް އަސްޓްރާޒެނީކާ ވެކްސިން ޖެހުން އަލުން ފަށާނެ ކަން އިއުލާން ކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުރާސްފަތި ދުވަހު ވަނީ، މި ވެކްސިން ބޭނުން ކުރަމުން ދިއުމަށް ގައުމުތަކަށް ގޮވާލާފައެވެ. މި ވެކްސިނާ ގުޅިގެން އެ އިދާރާއިން ހެދި މުރާޖާ ރިޕޯޓް، މިއަދުގެ ވަގުތެއްގައި އާންމު ކުރާނެ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

އަސްޓްރާޒެނީކާ ކުންފުނިންވެސް ވަނީ އެ ކުންފުނީގެ ކޮވިޑް ވެކްސިންގެ ސަބަބުން، ލޭގަނޑުވުމުގެ ނުރައްކާ އިތުރުވުމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ބުނެފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު 9 ބްރޭންޑެއްގެ ވެކްސިން ބޭނުން ކުރަމުން ދާއިރު، 2 ވަނައަށް އެންމެ ގިނަ އަދަދެއްގެ ގައުމުން ބޭނުން ކުރަނީ އަސްޓްރާޒެނީކާގެ ވެކްސިނެވެ. 71 ގައުމެއްގައި އަސްޓްރާޒެނީކާގެ ވެކްސިން ބޭނުން ކުރާއިރު، 72 ގައުމާއެކު ލިސްޓުގެ 1 ވަނާގައި އޮތީ ފައިޒާ އަދި ބައޮއެންޓެކްގެ ކޮވިޑް ވެކްސިނެވެ.